ބޯހިޔާވަހިކަމުގެ އާ ސްކީމުން ގޯތި ދޭނީ އުތުުރުތިލަފަޅުން

މިރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

މާލޭ ރައްޔިތުންނަށާއި، ދަފްތަރުގައި ޖެހި، ގިނަ ދުވަސްވެފައިތިބި މީހުންނަށް ގޯތި ދިނުމަށް ހުޅުވާލާ އާ ސްކީމުގެ ދަށުން ގޯތި ދޭނީ އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި އޮތް ކެންޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ އާ ސްކީމުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ އެއް ފަޅަކީ އުތުރު ތިލަފަޅު ކަމަށެވެ.

އެ ސްކީމަށް ކުރިމަތިލުމަށް މިރެއިން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިރޭ ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމް ހުޅުވިގެންދާނެ. ތިޔަ ހުރިހާ ބޭފުޅުންނަށް އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ"،

"އެ ސްކީމުގައި މާލޭ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައި، 20 އަހަރުވެފައިވާ އެންމެންނަށް ތަފާތުކުރުމެއް ނެތި، އެ ސްކީމުގައި ބައިވެރިވެ، ބިން މިލްކު ކުރުމުގެ ފުރުސަތު ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ތަރައްގީ ކުރަމުންދާ ތިލަމާލެ ބުރިޖު އަލަށް އާބާދުކުރާ އުތުރު ތިލަފަޅާ ހަމައަށް ދަންމާލާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އިއުލާނު ކުރެއްވި އެ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 6،000 ފްލެޓާއި 4،000އަށް ވުރެ ގިނަ ގޯތި ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މިއަދު ވިދާޅުވެފައެވެ.

ކޯސްޓު ގާޑުގެ އަސްކަރީ ބަނދަރެއް ގާއިމުކުރާ އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އިންޑިއާއަށް އެތަނުގެ ކޮންޓްރޯލް ދޫކޮށްލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތު ކުރެއެވެ.

އެ ވާހަކަތަކަށް އިޝާރަތް ކުރައްވާ ރައީސް މިރޭ ވިދާޅުވީ އެތަނުގައި ކުރިމަގުގައި ދިރިއުޅޭނީ ދިވެހިންކަމަށާއި، ރާއްޖޭގެ ފުރިހަމަ ބާރު އެތަނަށް ހިނގާނެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ އިދިކޮޅު ބޭރުގެ ސިފައިން ތިބި ކަމަށް ތުހުމަތުކުރާ އެއްވެސް ތަނެއް ނުފޮރުވާނެ ކަމަށެވެ. އެތަންތަނަށް ގޮސް ބެލުމުން އެއިން އެއްވެސް ތަނެއްގައި ބޭރު ސިފައިން ނެތްކަން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ގޮތް ނިންމާނީ ދިވެހިން ކަމަށާއި، އިތުރު ބަޔަކަށް އެކަމުގައި ބަސް ނުބުނެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް