ގާސިމްގެ ރަނިން މޭޓާއެކު، ޖޭޕީގެ ގިނަ ލީޑަރުންތަކެއް ރައީސްގެ ފަޅިއަށް

ޑރ. އަމީން އިބްރާހީމާއި ޖޭޕީގެ ގިނަ ބޭފުޅުންތަކެއް ރައީސް ޞާލިހުގެ ކެމްޕޭނާ ގުޅިވަޑައިގަތުން --- ފޮޓޯ/ އެމްޑީޕީ

ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. އަމީން އިބްރާހީމާއި އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި އަމީން އިބްރާހިމްގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ޖޭޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އިތުރު ބޭފުޅުން ވެސް ވަނީ ރައީސްގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 5،460 ވޯޓެވެ. އެއީ 2.47 ޕަސެންޓެވެ. މިއީ ތާރީޚުގައި ވެސް އެ ޕާޓީއަށް ރިޔާސީ އިންތިޚާބެއްގައި ލިބުނު އެންމެ ދަށް ނަތީޖާއެވެ.

ޖޭޕީގެ އިސް ގިނަ މެމްބަރުންގެ ތާއީދު ރައީސް ޞާލިހަށް އޮތްކަން ހާމަކުރެއްވިއިރު، ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ވެސް ދެ ވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރައްވަން މީގެ ކުރިން ވަނީ ނިންމަވައިފައެވެ. އަދި އިލްހާމް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދގެ އިތުރުން ޖޭޕީގެ އިސް ތަރުޖަމާން އަދި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވެސް ވަނީ މީގެ ކުރިން ރައީސް ޞާލިޙަށް ތާއީދުކުރައްވައިފައެވެ.

comment ކޮމެންޓް