ގައުމުގެ މިނިވަންކަން ކަށަވަރުކޮށްފަ ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރާނަން: މުއިއްޒު

ޑރ. މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ ---

ގައުމުގެ މިނިވަންކަން މިވަގުތު އޮތީ ނުރައްކާތެރި ހިސާބެއްގައި ކަމަށާއި، ވެރިކަމަށް އައުމަށްފަހު މިނިވަންކަން ކަށަވަރުކުރުމަށްފަހު ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނުގައި ދިރިއުޅޭ ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވާ މިރޭ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ މިނިވަންކަން މިއަދު އޮތް ހާލަތުން ސަލާމަތްކުރުމަށް ތެދުވަންޖެހޭ ކަމަށެވެ. އެހެން ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބެން ވެއްޖެ ނަމަ އެއީ ރާއްޖޭގެ އަސްކަރީ ބާރަށް އޮތް ހުރަހެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެެއްގައި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކައިރީ އޮތް އުތުރު ތިލަފަޅަކީ އަޅުގަނޑުމެންގެ ފަޅެއް. އެހެންނަމަވެސް އެއީ މިހާރު އަޅުގަނޑުމެންގެ ފަޅެއް ނޫން. ސިފައިންގެ ބާރެެއް ނުހިނގާ އެތާކު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިނިވަންކަން ވިއްކާލާފަދަ "ޗީޕް" ބަޔަކަށް ވެގެން ނުވާނެކަމަށެވެ. ވެރިކަން ލިބިއްޖެ ނަމަ އެކަން ކުރުމަށް ފަހު ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއަށްފަހު ގެދޮރުވެރިކަން ހައްލުކުރުން އަންނާނީ. އެއަށްފަހު އަންނާނީ އަޅުގަނޑުމެންގެ އާމްދަނީގެ ފުރުސަތު ފަހިކުރުން ވެސް. އެއަށްފަހު އުމްރާނީ ތަރައްގީ ވެސް އަދި އިޖްތިމާއީ އެހެނިހެން މައްސަލަތައް ހައްލުކުރުން ވެސް،" މުއިއްޒު ވިދާޅުވިއެވެ.

އެ ޖަލްސާގައި ގިރާވަރުގެ ބައެއް ރައްޔިތުން ވަނީ އެ މީހުންގެ ޝަކުވާ ހިއްސާކޮށްފައެވެ. އެގޮތުން މިވީ އަހަރުތަކުގައި ގިރާވަރުން މާލެއަށް ބަދަލުވީ މީހުން ދިރިއުޅެމުން އައީ ވަރަށް ހާލުގައި ކަމަށް އެ މީހުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ކަމުގައި ވަނީ ބުނެފައެވެ. ތޮށްޖެހިގެން ކުޑަކުޑަ ތަންކޮޅެއްގައި ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައިކަން އެ މީހުން ފާހަގަކުރިއެވެ.

ގިރާވަރުގެ ރައްޔިތުންނަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ ގިރާވަރު ރައްޔިތުންނަކީ މިހާތަނަށް އެކަހެރި ކުރެވިފައިވާ ބައެއް ކަމަށެވެ. އަދި އޭނާގެ ސަރުކާރެެއްގައި އެފަރާތްތަކަށް ގެއްލިފައިވާ ހައްގުތައް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.

"މާލޭގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ ހައްގުތަށް ހޯދައިދޭނަން. ޚިދުމަތް ދިނުމުގަ ތަފާތެއް ނުކުރާނަން. މި ސަރުކާރުން ވަނީ ގިރާވަރު ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހައްގު ހޯދައިނުދީފަ،" މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން އެދޭ ކަންކަން ފުއްދައި ނުދެވޭނެއެކޭ ނުދަންނަވާނަން، ފުއްދައިދެވޭނެ، ފުއްދައިދޭނަން،"

comment ކޮމެންޓް