މުއިއްޒަކީ އަނިޔާވެރި ވެރިކަމެެއްގައި އެ ކަމުގެ މޭސްތިރިއެެއް، އުޅެނީ އަލުން އެ ކަން އިޔާދަކުރަން: މާރިޔާ

ރައީސް ސާލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި ހުރި އެކަމުގެ މޭސްތިރިއެެއް ކަމަަށާއި އޭނާ އުޅުއްވަނީ އެ ކަން އިޔާދަކުރައްވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެެވެެ.

އޮންލައިން ނޫސް "ދިޔަރެސް"ގައި "މާރިޔާ މާލޭ މީހުންނަށް: މުއިއްޒަށް ވޯޓު ނުދޭތި!" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުން ދޮގުކުރައްވާ މާރިޔާ ވަނީ މިއަދު ޓްވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އޭނާއަކީ ޅ. ހިންނަވަރަށް ނިސްބަތްވާ ރައީސް ޞާލިހްގެ ފަހުރުވެރި ކޯޑިނޭޓަރު ކަަމަށެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މާރިޔާ ވިދާޅުވި ގޮތުގައި މުއިއްޒަށް ވޯޓު ނުދޭންވީ އެއީ އަނިޔާވެރި ވެރިކަމެއްގައި އެންމެ އިސް ފަންތީގައި އެ ކަމުގެ މޭސްތިރިއަކަށް ހުރި މީހަކަށް ވާތީ ކަމަށެވެ. އަދި އޭނަ އުޅުއްވަނީ އެ ކަން އަލުން އިޔާދަކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި އެމްޑީޕީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން މާރިޔާ ބައެއް ގެތަކަށް ވަޑައިގެން މުއިއްޒަކީ މާލޭ މީހެއް ނޫން ކަމަށާއި އޭނާއަށް ވޯޓު ނުދިނުމަށް ވިދާޅުވަމުންދާ ކަމަށް "ދިޔަރެސް"ގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، އެ ކަން މާރިޔާ ވަނީ ދޮގުުކުރައްވައިފައެވެ.

comment ކޮމެންޓް