ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ

ދެކުނު ކޮރެއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި އެމެިރިކާ ސިފައިން

ސޯލް (23 ސެޕްޓެމްބަރު 2023): ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގާކަމަށް ލިބުނު މައުލޫމާތާއެކު ދެކުނު ކޮރެއާގެ ފުލުހުން އެތަންތަނަށް ވަދެ ހިންގި ޚާއްޞަ އޮޕަރޭޝަންތަކަކުން އެއީ ހަގީގަތެއްކަން ހާމަވެއްޖެއެވެ.

ދެކުނު ކޮރެއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނާގޮތުން ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިއްކުމުގެ އަމަލުތައް ހިނގަމުން ގެންދެއެވެ. ދެކުނު ކޮރެއާގެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންނާއި އެމީހުންނަށް އެހީތެރިވާ މީހުން ހިމެނޭގޮތަށް 22 މީހެއްގެ މައްޗަށްވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތު ރަސްމީގޮތުން ކުރެވޭ މިންވަރަށް ހެކިހޯދާފައެވެ.

މި 22 މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ބޭނުންނުކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހުންވެސް ހިމެނޭކަމަށްވެއެވެ. މީގެތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނެވެ. އެނޫން މީހުންނަކީ އެތަކެތި ބޭނުންކުރާ މީހުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހެއްގެ އަންބަކާއި އެހެން ސިފައިންގެ މީހަކާއި އޭނާ އެއްޖިންސުން ގުޅުން ހިންގާ ބައިވެރިޔާވެސް ހިމެނޭކަމަށްވެއެވެ.

ދެކުނު ކޮރެއާގައިވާ އެމެރިކާގެ އަސްކަރީ ބޭސް އެއްގައި އެމެރިކާ ފައިޓާޖެޓްތަކެއް

މިމައްސަލަ އިތުރަށް ތަހުގީގުކޮށްފިނަމަ އިތުރު ބަޔަކު މިކަމުގައި ޝާމިލްވާކަމުގެ ހެކި ލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ދެކުނު ކޮރެއާގެ ފުލުހުން ބުނެއެވެ. ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ތެރޭގައި ކޭމްޕް ހަމްފްރީސް އާއި ކޭމްޕް ކޭސީ ހިމެނޭއިރު މީގެތެރެއިން ހަމްފްރީސްއަކީ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެކެވެ.

ރިޕޯޓްތައް ބުނާގޮތުން މި މަރުކަޒުގައި އެމެރިކާ ސިފައިންގެ 18 ހާހާއި 20 ހާހާ ދެމެދުގެ އަދަދެއްގެ މީހުން ދިރިއުޅެއެވެ. މިއީ އެމެރިކާއިން ބޭރުގައިވާ އެގައުމުގެ އެންމެ ގިނަބަޔަކު އެއްތަނެއްގައި ތިބޭ އަސްކަރީ މަރުކަޒުކަމަށް މައުލޫމާތު ލިބެއެވެ.

ދެކުނު ކޮރެއާގައި އެމެރިކާ ސިފައިންގެ 30 ހާހަށްވުރެ ގިނަމީހުން ބަރުހަތިޔަރާއެކު ތިބެއެވެ. އެމެރިކާ ސިފައިން މިހާގިނަ އަދަދަކަށް ދެކުނު ކޮރެއާގައި މަރުކަޒުކޮށްފައިވަނީ ކޮރެއާ ހަނގުރާމައަށްފަހުއެވެ. އުތުރުކޮރެއާއަކީ ބާރުގެ ބޭނުންކޮށްގެން ދެކޮރެއާ އެއްކޮށްލުމުގެ ސްޓްރެޓެޖީއެއް ގެންގުޅޭ ގައުމަކަށްވާތީ ދެކުނު ކޮރެއާ ދެކޭގޮތުގައި އެމެރިކާގެ އަސްކަރީ އެހީއާ ނުލައި އުތުރުކޮރެއާގެ ނުރައްކަލުން ސަލާމަތެއް ނުވާނެއެވެ.

އެމެރިކާގެ ބޮޑު އަސްކަރީ ބާރެއް ނެތްނަމަ ދެކޮރެއާ އެއްކޮށްލުމަށްޓަކައި އުތުރުކޮރެއާއިން ހަނގުރާމަ ފަށާފާނެކަމުގެ ބިރު ދެކުނު ކޮރެއާ އިހުސާސް ކުރުމާއި އުތުރުކޮރެއާއަށް އިތުބާރުނުކުރުމާއި ދެކޮރެއާގެ ޒަމާންވީ ދުޝްމަންކަމަކީ ދެކުނު ކޮރެއާގައި އެމެރިކާ ސިފައިން ބޭތިއްބުމަށް އެގައުމުގެ ސަރުކާރުތަކުން ބޭނުންވާ މައިގަނޑު ސަބަބެވެ.

މި ސަބަބުތައް ހުރިކަމަށް ވިޔަސް ދެކުނު ކޮރެއާގެ އާންމުން އެމެރިކާ ސިފައިން އެގައުމުގައި ބޭތިއްބުމަށް އެހާބޮޑަށް ތާއީދެއް ނުކުރެއެވެ. އެމެރިކާ ސިފައިންގެ ބައެއް ނޭއްގާނި އަމަލުތަކާ ގުޅިގެން ދެކުނުކޮރެއާގެ ރައްޔިތުން އެމެރިކާ ސިފައިންނާ ދެކޮޅަށް މަދުންނަމަވެސް މުޒާހަރާވެސް ކުރެއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާ އާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުގައިވާގޮތުން ދެކުނު ކޮރެއާގެ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް އެގައުމުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކުގައި ހިންގުމަކީ މަނާކަމެކެވެ. ނަމަވެސް މިފަދަ އަމަލެއް ހިންގާކަމަށް ޝައްކު ކުރެވޭނެނަމަ އެމަރުކަޒުތަކަށް ދެކުނު ކޮރެއާގެ ފުލުހުންނަށް ވަދެވޭނީ އެގައުމުގައި ހުންނަވާ އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރަށް އަންގައި އޭނާގެ ހުއްދަ ލިބިގެންނެވެ.

އެމެރިކާ ސިފައިން ދެކުނު ކޮރެއާގައި ހިންގާ ޖަރީމާތައް ތަހުގީގު ކުރުމާއި ޖަރީމާ ހިންގިކަމަށް ޝައްކުވާ މީހުންގެ މައްޗަށް ތަހުގީގު ހިންގުމުގެ ހައްގު ދެކުނު ކޮރެއާގެ ފުލުހުންނަށް އޮތްނަމަވެސް އެމީހުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ހުކުމް އިއްވައި އެމީހުންނަށް އަދަބު ދިނުމުގެ ހައްގެއް ދެކުނު ކޮރެއާއަކަށް ނޯވެއެވެ.

އެމެރިކާ ސިފައިން ޖަރީމާއެއް ހިންގާ ހާލަތެއްގައި އެކަން ތަހުގީގު ކުރުމަށްފަހު އެމެރިކާ ސިފައިންނަށް އަދަބު ދިނުމާއި އަދަބު ތަންފީޒު ކުރުމުގެ ކަންތައް ހިންގާނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި މަސައްކަތްކުރާ ދެކުނު ކޮރެއާގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރުމުގެ ބާރު ދެކުނު ކޮރެއާ ފުލުހުންނަށް އޮވެއެވެ.

ދެކުނު ކޮރެއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެމެރިކާ ސިފައިން ޝާމިލްވިނަމަވެސް މިމައްސަލާގައި ދެކުނު ކޮރެއާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އެމަރުކަޒުތަކުގައި މަސައްކަތްކުރާ ފިލިޕީންސް މީހަކާއި ދެކުނު ކޮރެއާގެ މީހެކެވެ. އެމެރިކާ ސިފައިންގެ މީހަކު ހައްޔަރެއް ނުކުރެއެވެ.

ދެކުނު ކޮރެއާގެ ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރަމުން ގެންދަނީ އެމެރިކާ ސިފައިންގެ ޖިނާއި ތަހުގީގުތަކާބެހޭ އިދާރާ ކަމަށްވާ ޔޫއެސް އާމީސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަނުގެ އެހީތެރިކަމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް