މި އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓާ ގުޅޭ ގޮތުން މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހިއްޖެ ނަމަ އެކަމަށް ބަޖެޓު ބޭނުންވާނެ ކަމަށް ބުނި ނަމަވެސް މަޖިލީހުން އެކަމަށް އިޖާބަ ނުދިން ކަމަށް، އީސީގެ ނައިބު ރައީސް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ، އިސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ރައްޔިތުންގެ ވޯޓެއް ނަގަން ޖެހިއްޖެ ނަމަ އާންމުން އެކަމަށް ހޭލުންތެރިކުރުވަން ޖެހޭނެ ކަމަށާއި އެކަމަށް ބަޖެޓު ބޭނުންވާނެ ކަމަށް ބުނުމުންވެސް އެކަމަށް ރައްްޔިތުންގެ މަޖިލީހުގެ ފަރާތުން މާ ބޮޑު 'ސަޕޯޓެއް' ނުލިބުނު ކަމަށެވެ.
"އެ ފަހުން އަޅުގަނޑުމެންނަކަަށް ނުކެރުނު އެވާހަކަ ދައްކާކަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅު ހުރި ގޮތް އެނގުނީމަ ދެން އިލެކްޝަންސް ކޮމިޝަނަށް،" ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ ވޯޓުތަކާއި، އެފަދަ ވޯޓުތަކަށް އާންމުން ހޭލުންތެރި ކުރުވުމަކީ އީސީގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެފަދަ ވޯޓެއް ނެގުމަށް އީސީއަށް އަންގަނީވެސް އަދި ބްޖެޓު ފާސް ކޮށްދެނީ ވެސް މަޖިލީހުން ކަމަށް ހަބީބު ވިދާޅުވިއެވެ.
އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއް، މިދިޔަ ބުދަ ދުވަހު ފާސްކުރުމަށް ފަހު އެ ވޯޓު ނަގަން މަޖިލީހުން ވަނީ އީސީއަށް އަންގައިފިއެވެ. އީސީން ވަނީ އެ ގަރާރާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދުމަށް ފަހު، ބައެއް ކަންކަން ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިފައެވެ.
ހަބީބު ވިދާޅުވީ މަޖިލީހަށް ފޮނުވި ސިޓީގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާނަމަ ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭކަން ފާހަގަ ކޮށްފައި އޮންނާނެ ކަމަށެވެ. އަދި އެ ވޯޓުގައި އަހާނީ ސީދާ ކޮން ސުވާލެއްކަން ސާފުކޮށްދޭން ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހޭލުންތެރި ކުރެވިގެން މި ސުވާލު އެނގިގެން، މި ސުވާލު ކުރީމަ މީގަ ހުރި ފައިދާއާ ގެއްލުމާ ގުޅޭގޮތުން ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ކަންތައްތަކެއް،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭނުންވާ މައުލޫމާތު ލިބި، ބަޖެޓު ލިބިއްޖެ ނަމަ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ވެސް އެކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި މި ފަދަ މައުލޫމާތުތައް ވީހާވެސް މުއްދަތު ކައިރިވުމުން ދިނުމުން މީހުން ހަނދާން ހުންނަލެއް ބޮޑުކަންވެސް ހަބީބު ވަނީ ފާހަގަ ކުރައްވައިފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ އެ ކޮމިޝަނުން މަޝްވަރާކޮށްފައި އޮތީ އަންނަ މަހުގެ 29ގައި ނިޒާމީ ވޯޓު ނަގަން ކަމަށެވެ.
ފުއާދު ވިދާޅުވީ އެ ވޯޓަށް ބޭނުންވާ ބަޖެޓު ލިބުމާއެކު، ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.