ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހަވީރު ވިލިމާލެއަށް ވަޑައިގެން، އެ އަވަށުގައި ދިރިއުޅުއްވައި ރައްޔިތުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ކެމްޕޭން ކުރައްވައިފިއެވެ.
މި މަހު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 50 އިންސައްތައަށް ވުރެ ގިނަ ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިވަޑައިނުގަތުމުން، އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ވާދަކުރައްވާ ދެވަނަ ބުރެއް މި މަހު 30 ގައި ބާއްވާނެއެވެ. އެ ބުރުގައި ވާދަކުރައްވަނީ ރައީސް ޞާލިޙާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
ދެވަނަ ބުރުގެ ކެމްޕޭނަށް ރައީސް މިއަދު ހަވީރު ވިލިމާލެއަށް ވަޑައިގަތީ އެމްޓީސީސީގެ ފެރީންނެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު އެމްޓީސީސީ ފެރީން ވިލިމާލެއަށް ވަޑައިގަންނަވަނީ؛ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) --- ފޮޓޯ/ އެމްޑީޕީ
އެގޮތުން، ވިލިމާލެއަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ އަވަށުގައި ދިރިއުޅުއްވައި ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އަދި ގިނަ ގޭގެއަށް ޒިޔާރަތް ކުރައްވައިފައެވެ. އެ މަނިކުފާނު އަންނަނީ، ދެވަނަ ބުރުގެ ކެމްޕޭނަށް މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ.
އެ މަނިކުފާނު އަރިހުގައި އެމްޑީޕީއާ އެކު ކޯލިޝަންގައި އޮތް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވިލިމާލެއަށް ވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހަވީރު ވިލިމާލޭގައި ދޮރުން ދޮރަށް ޒިޔާރަތް ކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ
ކެމްޕޭންގެ ތެރެއިން ބައްދަލުވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް، އެ މަނިކުފާނު ގެންދަވަނީ ވައުދުތައް ވެލައްވަމުންނެވެ.
މިގޮތުން، ރައީސް ޞާލިޙް ރޭ ވަނީ ކަރަންޓު ބިލު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް އެއް ރޭޓެއްގައި ނެގޭނެ ގޮތް ހަމަޖައްސަވަން ވެސް ވައުދުވެލައްވައިފައެވެ. އަދި، އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކޮށް، ކޮވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ މައާފު ކޮށްދިނުމަށް ވެސް އެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހަވީރު ވިލިމާލޭގައި ދޮރަށް ދޮރަށް ޒިޔާރަތް ކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ
އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 85،920 ވޯޓެވެ. އެއީ، 39.02 އިންސައްތައެވެ. އެ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ،. މުއިއްޒެވެ. އޭނާއަށް އެ ބުރުގައި 101،453 ވޯޓު ލިބިވަޑައިގަތެވެ. އެއީ، 46.08 އިންސައްތައެވެ.