ރާއްޖޭގައި ހުރި އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ކަމަށްވާ އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް އަނެއްކާ ވެސް ބަޔަކު ގެއްލުން ދީފިއެވެ.
އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ކަން ކޮށްފައިވަނީ މިއަދު ހުކުރު ވަގުތު ކަމަށެވެ. އެ ކަން ކުރި ބަޔަކު އަދި ހޯދިފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައްޑޫ މީދޫގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވީ ހުކުރު ވަގުތު އެ ތަނުގައި ސެކިއުރިޓީއަކު ވެސް ނެތް ކަމަށެވެ.
އެހެންކަމުން ބެލެވެނީ އެއީ އެ ވަގުތަށް ބަލައި، ގަސްތުގައި ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ނެތް، ނެތް. އަދި މި ކަމުގައި ހަމަ ތުހުމަތުކުރެވޭ އެކަކު ވެސް އަޅުގަނޑުމެންނަކަށް އަދި ނެތް. އެކަމަކު، މި ކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެން މި އަންނަނީ ބަލަމުން،" ޞާލިހާ ވިދާޅުވިއެވެ.
ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަށް މީގެ ކުރިން ވެސް ގެއްލުން ދީފައިވެއެވެ.
މިއީ ވޯލްޑް މޮނިއުމަންޓް ފަންޑު ނުވަތަ ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ.

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ގެއްލުން ދީފައި -- ފޮޓޯ/ ސޯޝަލް މީޑިއާ
އެސްއެސްޓީވީގެ 'ބާރު ހަތަރެއް'ގައި ވާހަކަދައްކަވަމުން މީގެ ކުރިން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެ މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ހުންނަ މުހިންމު އާސާރީ ތަންތަނުގައި ސައިޓް މިއުޒަމްތައް ތަރައްގީ ކުރުމަށް ކަމަށެވެ.
އެގޮތުން އައްޑޫ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު ވެސް ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަހާނަ ގާތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރަނީ ބައެއް މީހުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ތާރީޚީ ގޮތުން އަގުހުރި މުހިންމު ތަރިކަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ސައިޓް މިއުޒިއަމެއް ތަރައްގީކުރެވޭނީ ފުރަތަމަ ސައިޓް އެތާ ރައްކާތެރިކޮށް ހުރެގެން. ދެން ކޯގަންނަ ގަބުރުސްތާނުގައި ތި ވިދާޅުވާހެން ކުރީއްސުރެ މި އޮންނަ ގަބޫލުކުރުންތަކާހެދި ބައެއް މަހާނަ ގާތަކަށް ގެއްލުން ދީ އެ ކަހަލަ ކަންކަން ހިނގާ،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ އެ ކަންކަން ހުއްޓުވުމަށް ކުރުން އެންމެ މުހިންމު ކަމަކީ އެ ފަދަ ކަމެއް ކުރާ ބަޔަކު ހޭލުންތެރިކުރުވުން ކަމަށެވެ.
"އެ ރަށެއްގެ ރައްޔިތުން ހޭލުންތެރިވެ އެ ތަންތަން ރައްކާތެރިކުރަން އުޅުނު ވަރަކަށް ހަގީގަތުގައި އެ ކަންކަން ރައްކާތެރިކުރެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ޒިންމާ ވެސް ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކުރުމުގައި ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ކުރެވޭނެ ކަންކަމާމެދު މިނިސްޓްރީއާއި ސަގާފީ ތަރިކަ މަރުކަޒުން ވެސް އިރުޝާދުދީ ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވާކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.