ކޮވިޑު ލޯނުތަކުގެ އިންޓަރެސްޓު މާފުކޮށްދީ، މުއްދަތު ދަންމާލައިފި

މިރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ، އެސްޑީއެފްސީ ބޭންކުން ކޮވިޑާ ގުޅިގެން ދޫކުރި "ކޮވިޑު ވިޔަފާރި އެހީ" ލޯނުތަކުގެ އިންޓަރެސްޓު މާފުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އެ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު މިހާރަށް ވުރެ 10 އަހަރު އިތުރުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި، މީގެ ކުރިން އިންޓަރެސްޓުގެ ގޮތުގައި ލިބިފައި ހުރި ފައިސާ އަނބުރާ ދިނުމަށް ވެސް ނިންމަވާފައިވެއެވެ.

މިރޭ މާވެޔޮ މަގުގައި ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއީ ގިނަ ބައެއްގެ އެދުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ ނިންމުމާ އެއްގޮތަށް، އެސްޑީއެފުން ނަގާފައި ހުރި [ކޮވިޑު ވިޔަފާރި އެހީ] ލޯނުގެ އިންޓަރެސްޓު ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ"،

"އަދި، މިހާތަނަށް އިންޓަރެސްޓު ދައްކާފައި ހުރި މީހުނަށް އަޅުގަނޑުމެން އެ ފައިސާ އަނބުރާ ދޭނަން" ރައީސް ވިދާޅުވިއެވެ.

އެ ސްކީމުގެ ދަށުން 2،146 ވިޔަފާރިއަކަށް 373 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ކުރިން ވަނީ އެ ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ދިނުމުގެ ގޮތުން އޭގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދީފައެވެ.

comment ކޮމެންޓް