ދުވަސްވީ މީހުންގެ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ނިންމަވައިފި

މިރޭގެ ކެންޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

މިރޭ މާވެޔޮ މަގުގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަ 5،000 ރުފިޔާ، 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަކީ އެންމެ ގިނަ މީހުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާ އަޅުގަނޑުމެން ދޭން ނިންމައިފިން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވަޒީފާއިން މުސްކުޅިވުން މަޖުބޫރުވާ އުމުރު 65 ކުން 70 އަށް ބަދަލުކުރެއްވުމަށް ނިންމަވާފައެވެ. އަދި، 65 އަހަރުވުމުން ރިޓަޔާކުރުން އިޚްތިޔާރީ ކަމަކަށް ވަނީ ހައްދަވައިދެއްވާފައެވެ.

ރިޓަޔާމެންޓު އުމުރު މަތި ކޮށްދިނުމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވައުދުވެވަޑައިގެންފައެވެ.

ދުވަސްވީ މީހުންގެ އެލަވަންސް ބޮޑު ކުރައްވާނެ ކަން ރައީސް އިއުލާނު ކުރެއްވީ މިއަހަރުގެ ޖޫން މަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

އެ އެލަވަންސް ދިނުމަށް އެންމެ ފުރަތަމަ ގާނޫނު ހެދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. ނަމަވެސް، އެކަން ތަންފީޒުވެފައިވަނީ އޭގެ ފަހުން އައި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އޭރު އިނާޔަތުގެ ގޮތުގައި ދެމުން ދިޔައީ 2،000 ރުފިޔާއެވެ.

ފަހުން، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ އިނާޔަތް 2،300 ރުފިޔާއަށް ބޮޑުކޮށްދެއްވިއެވެ. އެ އަދަދު 5،000 ރުފިޔާއަށް މަތިކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދައުރުގައި ގާނޫނަށް ގެނެވުނު ބަދަލަކާ އެކުގައެވެ.

ދޮށީ އުމުރުގެ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް 2018ވަނަ އަހަރުގެ ރިޔާސީ ކެންޕޭނުގެ ތެރޭގައި ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް