ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އަމިއްލަގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިރޭ ނިންމައިފިއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޢުމަރަށެވެ. އެގޮތުން 2.87 ޕަސެންޓާއެކު 6،343 ވޯޓު އޭނާއަށް ލިބިފައިވެއެވެ.
ދެވަނަ ބުރުގައި އުމަރު ނިންމާ ނިންމުން އިއުލާން ކުރެއްވީ މިރޭ ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ބޭއްވި ލައިވް އިވެންޓެއްގައެވެ.
އުމަރު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ މީގެ ކުރިން ވެސް ވެރިކަން ކޮށްފައިވާ ފަރާތްތައް ކަމަށާއި އެ ހުރިހާ ޕާޓީތަކުގެ ވެރިކަމުގައި ވެސް ރާއްޖޭގެ ދަރަނިވީ އިތުރު ކަމަށެވެ.
"އަޅުގަނޑުމެން ހަނދާން އެބަހުރި އިއްޔެ ވެރިކަން ކުރި މީހުންނާ މިއަދު ވެރިކަން ކުރާ މީހުންނާ މި ދެބައި މީހުންގެ ޢަމަލުތައް ވެސް. ހުރިހާ ޕާޓީތަކުގެ ވެރިކަމެއްގައި ވެސް ރާއްޖޭގެ ދަރަނި އިތުރުވީ. ލޯނުތައް ނަގައި ބޭކާރު ޕްރޮޖެކްޓްތައް ހިންގީ ހުރިހާ ޕާޓީތަކުގެ ވެރިކަމުގަ،" ޢުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މި ގައުމުގައި އިންޑިއާ ސިފައިން ތިބޭ ތިބުން ކަމަށެވެ. އެހެވެގެން، އެ މައްސަލަ ކޮޅެއްގައި ޖެހެންދެން އެ ވާހަކަ ދައްކަން ކެރޭ ވަރުގެ ބަޔަކު ތިބެންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކަން އެހެން އޮއްވާ ސަރުކާރުގެ ތެރެއަށް ވަދެ، އަނގަ ލައްޕައިގެން ހިމޭނުން ހުރުމުގެ ބަދަލުގައި ސަރުކާރާ ނުގުޅި އިންޑިއާ ސިފައިންގެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނަވާނީ ކަމަށެވެ.
"އަޅުގަނޑާއި މި ޓީމުން ވަނީ ރައްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައި. އަޅުގަނޑުގެ ސިޔާސީ މަސައްކަތް ހުއްޓާލާނީ މި ގައުމު މުޅިން އައު މިސްރާބަކަށް ގެންގޮސް، ގައުމު މުޅިން ޑައިވާސިފައި ކޮށްފައި،" ޢުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ވޯޓުދިން ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުތަމަ ބުރުން ބަލިބި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރުގައި ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް އެކަންޏެވެ. އޭނާ ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު އެއްވެސް ޝަރުތެއް ކުރިމަތިިނުކޮށް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީންނާއި ރައީސް ނަޝީދު އިސްވެ، އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީންނާއި އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިޝް މައުމޫން އާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލް ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.