ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން ޕާސްޕޯޓާ ނުލާ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން އަންނަ އަހަރުން ފެށިގެން އިމިގްރޭޝަން ކްލިއަރެންސް އޮޓަމޭޓްކޮށް، ފަސިންޖަރުންނަށް ޕާސްޕޯޓާއި ނުލާ ދަތުރުކުރެވޭނެގޮތް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޤައުމުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ އެ ޤައުމުގެ ޕާލަމަންޓް ސެޝަނެއްގައި، މިކަން އިއުލާންކުރައްވައި ވާހަކަ ދައްކަވަމުން، ކޮމިއުނިކޭޝަންސް މިނިސްޓާ ޖޯސެފީން ޓިއޯ ވިދާޅުވީ، ބައޯމެޓްރިކް ޑޭޓާ ބޭނުންކޮށްގެން، ޕާސްޕޯޓާއި ނުލާ އިމިގްރޭޝަން ކްލިއާކުރެވޭނެ ގޮތަށް އޮޓަމޭޓްކޮށްފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނިގެންދާނެ ކަމަށެވެ.

ޗަންގީ އެއާޕޯޓުގެ ބައެއް ޗެކްޕޮއިންޓްތަކުގައި މިހާރުވެސް، ފޭސް ރިކޮގްނިޝަން ސޮފްޓްވެއާއާއެކު ބައޯމެޓްރިކް ޑޭޓާ ބޭނުންކުރަމުންދާ ކަމަށާއި، އަދި އަންނަ އަހަރު ތަޢާރަފްކުރެވޭ ބަދަލުތަކާއެކު، ކްލިއަރެންސް ޗެކްޕޮއިންޓްތަކުގައި ތަކުރާރުކޮށް ޕާސްޕޯޓް ދައްކަންނުޖެހި، ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ބައޯމެޓްރިކް ޑޭޓާ ބޭނުންކޮށްގެން ޖެނެރޭޓްކުރާ ޓޯކަންއެއް ކޮންމެ ފަސިންޖަރަކަށްވެސް ދޫކުރާނެ ކަމަށާއި، އެގޮތުން، ބޯޑިންގް ފާހާއި ޕާސްޕޯޓް ތަކުރާރުކޮށް ބޭނުންކުރަންނުޖެހި، އެޓޯކަން ލަގެޖް ޗެކިންގް އާއި، އިމިގްރޭޝަން ކްލިއަރެންސްގެ އޮޓަމޭޓްކޮށްފައިވާ ޓަޗްޕޮއިންޓްތަކުގައި ބޭނުންކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިންގަޕޫރު އެއާޕޯޓް އޮޓަމޭޓްކޮށް، ޕާސްޕޯޓާއިނުލާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ގޮތް ހެދިނަމަވެސް، މި ޚިދުމަތް ތަޢާރަފްނުކުރާ ޤައުމުތަކަށް ދަތުރުކުރުމަށް ޕާސްޕޯޓް ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަދި ކާރޫބާރު ބޮޑު އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް 100އަށްވުރެ ގިނަ އެއާލައިނުން، ދަތުރުތައްކުރެއެވެ. މިހާރުވެސް ހަތަރު ޓާމިނަލަކުން ޚިދުމަތްދެމުންދާއިރު، އެއާޕޯޓްގައި ފަސް ވަނަ ޓާމިނަލެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް