މާއުނގޫދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ށ. މާއުނގޫދޫ ހުވަނދުމާގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައި ---

ށ. މާއުނގޫދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ 10:00 ހާއިރު ކަމަށެވެ.

އޭގޭގައި ދިރިއުޅުނު މީހަކު ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގިކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

"އަޅުގަނޑު ނިދާފައި އޮއްވައި ކުދިން ގޮވާއަޑަށް ހޭލެވުނީ. އެ ކުދިން ގޮވާފަ ބުނީ ބައްޕާއޭ އަލިފާން ރޯވެއްޖެޔޭ. އެ ކުދިން އުޅެނީ އެހެން ކޮޓަރިއެއްގައި. ދުމާހެދި ހަދާނެ ގޮތެއް ނެތިފަ އެ ކުދިން ތިއްބާ އަޅުގަނޑަށް ހޭލެވުނީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އަލިފާން ރޯވީ އެގޭގައި މީހުން ދިރިނޫޅޭ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި އެ ކޮޓަރީގައި ހުރި ޓީވީ އާއި ފަރުނީޗަރު ހިމެނޭހެން އަގުބޮޑެތި ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

"އެ ކޮޓަރީގެ ފާރުގައި ވެސް ވަނީ ރެނދު ލާފައި. އެ ކޮޓަރި އަލުން ތަޅާލައި އާ ކޮޓަރިއެއް އިމާރާތްކޮށްގެން ނޫނީ ދެން ބޭނުމެއް ނުކުރެވޭނެ،" އޭނާ ކިޔައިދިނެވެ.

އެ ހާދިސާގައި ގޭގެ ހުރިހާ ސީލިންގުތައް ވަނީ ހަލާކުވެފައެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ އެރަށު ފެނަކަ ބްރާންޗުގައި ގެންގުޅޭ ފޯމު ޖެހުމުންނެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެގޭގެ މީހުން މިހާރު ދިރިއުޅެމުންދަނީ އާއިލާގެ މީހެއްގެ ގޭގައި ކަމަށެވެ. އަދި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް