އެމްބާޕޭއަށް ބެލޮންޑިއޯ ހައްގު: ހަކީމީ

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ހައްގު ކަމަށް އެ ކްލަބުގެ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީ ބުނެފިއެވެ.

މިދިޔަ އަހަރު އެމްބާޕޭ ވަނީ ޕީއެސްޖީ އަދި ފްރާންސް ގައުމީ ޓީމާއެކު ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިސީޒަނުގައި ޕީއެސްޖީއާއެކު މައްސަލަތަކެއް ޖެހިފައިވީ ނަމަވެސް، އެމްބާޕޭގެ ކުޅުމުން އެކަން ފާހަގަކުރެވިފައެއް ނުވެއެވެ. އެމްބާޕޭ ދެއްކި ކުޅުމަށް ބެލޮންޑިއޯ ހައްގުވާ ކަމަށް ހަކީމީ ގަބޫލުކުރެއެވެ.

"މިދިޔަ އަހަރުގެ ކުޅުމަށް ބަލަންޏާ، އަހަރެން ދެކެނީ އެމްބާޕޭއަށް ބެލޮންޑިއޯ ހައްގު ކަމަށް. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި އަހަރެން އުންމީދުކުރަނީ އޭނާއަށް އެ އެވޯޑު ލިބޭނެ ކަމަށް،" ހަކީމީ ބުންޏެވެ.

މިފަހަރުގެ ބެލޮންޑިއޯ އެވޯޑަށް އެންމެ ވާދަވެރިކޮށް ފެންނަނީ ހަތް ފަހަރު އެ އެވޯޑު ހޯދާފައިވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ. މިދިޔަ އަހަރު މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދީފައިވާ އިރު، 56 ގޯލާއެކު ހާލަންޑް ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެސް އޭނާއެވެ. މިދިޔަ ސީޒަނުގައި އެމްބާޕޭ ވަނީ 41 ގޯލާއެކު ޕީއެސްޖީއާއެކު ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް