ހުޅުމާލެއިން ލިބުނު ގޯތިތައް އިމާރާތް ކުރެވޭނީ ހަ ފަންގިފިލައަށް

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދިން އެންމެ ފުރަތަމަ މީހާ-- ސަން ފޮޓޯ/ މާހިލް އާތިފް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތިތައް އިމާރާތް ކުރެވޭނީ އެންމެ ގިނަވެގެން ހަ ފަންގިފިލައަށް ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތިތައް އިމާރާތް ކުރުމާ ބެހޭ އުސޫލު އާންމު ކޮށްފައެވެ. މި އުސޫލުގައި ވާގޮތުން ހުޅުމާލެއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތައް ދޫކޮށްފައި ވަނީ އާންމު ދިރިއުޅުމުގެ ބޭނުމަށެވެ.

ނަމަވެސް، އިމާރާތުގެ ބޭސްމަންޓް، ތިރީ ފަންގިފިލާ، ފުރަތަމަ ފަންގިފިލާ އަދި މެޒަނިން ފްލޯއެއް ހިމެނޭ ނަމަ އާބަންކޯގެ ހުއްދައާއެކު ދިރިއުޅުން ނޫން ބޭނުންތަކަށް މެޒަނިން ފްލޯ ބޭނުން ކުރެވޭނެއެވެ. މި ފްލޯގައި ކުރުން ހުއްދަ ނޫން ކަންކަމަކީ:

  • ސިނާއީ މަސައްކަތް
  • އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅެ/ރައްކާކުރެވޭ ތަންތަން ހެދުން
  • އާންމުންނަށް އުނދަގޫވާ އަދި ވަސްދުވާ ޒާތުގެ ކަންތައްތައް
  • ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާފަދަ މަސައްކަތްތައް
  • ގުދަން ކުރުން

މި ގޯތިތަކުގައި އިމާރާތްކުރާ އިމާރާތުގައި ފަސް ފަންގިފިލާ ހިމެނޭނަމަ ލިފްޓު ލާން ޖެހޭނެއެވެ.

އިމާރާތުގެ ގްރައުންޑް ފްލޯގައި ކެފޭ ރެސްޓޯރެންޓެއް ފަދަ ތަނެއް އިމާރާތް ކުރާނަމަ ގޯތީގެ އިމުން ބޭރުގައި ކެފޭ ރެސްޓޯރެންޓްގެ ގޮނޑި ޖެހުން މަނާ ވާނެއެވެ. އަދި ގޯތީގެ އިމުން ބޭރު ހިޔަލެއް ވެސް ނުކުރެވޭނެއެވެ.

އާބަންކޯއިން މިއަދު ނެރުނު އުސޫލާ ޚިލާފުވެއްޖެ ނަމަ އެ ފަރާތަކަށް އެކަން ލިޔުމުން އަންގާނެއެވެ. އަދި ކަނޑައަޅާފައިވާ އުސޫލުގެ މަތިން ޖޫރިމަނާކޮށް އެފަދަ ތަންތަނުގެ މަސައްކަތް ވަގުތުން ހުއްޓަން އަންގާނެއެވެ.

ހުޅުމާލެއިން ގޯތި ލިބުނު މީހުނަށް ގޯތި ދޫކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް