ނިޒާމީ ވޯޓެއްގެ ވާހަކަ ދެއްކުން މިވަގުތު މުހިންމެއް ނޫން: އަދުރޭ

އިދިކޮޅުގެ ހޯޕް ކޮންފަރެންސް / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ނިޒާމީ ވޯޓެއްގެ ވާހަކަ ދެއްކުން މި ވަގުތު މުހިންމު ނޫންކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތީ ރައްޔިތުން އެންމެ ބޭނުންވާ ގޮތްކަމަށް ޕީޕީއެމް، ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ޅޮއްސަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް އިސްކުރާނީ ގައުމާއި ރައްޔިތުންކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންގެ ނިންމުމަކީ މިރާއްޖޭގަ އޮންނާނީ ރިޔާސީ ނިޒާމެކޭ. އެ ނިޒާމަށް އަޅުގަނޑުމެން ތާއީދު ކުރާނީ،" އޭނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި އާ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ނިޒާމާގުޅޭ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެމްޑީޕީއާއި ޕީޕީއެމްއިން ވެސް އެއްބަސް ވަނީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށެވެ.

އެހެންކަމުން މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ އަންނަ މަހުގެ 30 ގެ ކުރިން ނިޒާމު ބަދަލު ކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން އެންގުމަށެވެ.

comment ކޮމެންޓް