ނޮވެމްބަރުގެ ކުރިން ނިޒާމީ ވޯޓު ނެގުމުގެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މެމްބަރު އިލްޔާސް ލަބީބް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާއެކުގައެވެ. އެއީ ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އިލްޔާސް ހުށަހެޅި އިސްލާހުގައިވަނީ "30 އޮކްޓޯބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވާކަމަށް" ބަދަލުކުރުމަށެވެ.

ކޮމިޓީގައި ބައިވެރިވި 29 މެމްބަރުންވަނީ އެ ގާރާރާ ގުޅޭގޮތުން ބަހުސްކުރައްވައިިފައެވެ. އަދި އިލްޔާސް ހުށަހެޅުއްވި އިސްލާހަށް 29 މެމްބަރުން ވަނީ ތާއީދުކުރައްވައިފައެވެ.

އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާއެކު ގަރާރު ފާސްކުރަން ތާއިދުކޮށްފައެވެ.

މަޖިލީހުގެ ރައީސް ނަޝީދު -- ފޮޓޯ/ މަޖިލިސް

އެއާއެކު މުޅި މަޖިލީހުގެ ކޮމިޓީ ނިންމައި، މަޖިލީހުގެ ޖަލްސާއައިގެން ކުރިއަށް ދިއުމަށް ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދުވަނީ ނިންމަވައިފައެވެ.

މިއަދު ހެނދުނު މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީ ހިންގަން ބޭނުންވާ 29 މެމްބަރުންނާއެކު މަޖިލިސް އަލުން ފެށުނީ ހެނދުނު 11:15 ހާއިރެވެ.

https://sun.mv/182223

އެއީ މެމްބަރުން ހަމަކުރަން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް މަޝްވަރާކުރަން ދިން ވަގުތުގެ ދޮޅު ގަޑިއިރެއްހާއިރު ފަހުންނެވެ.

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ފުޅާ ދާއިރާއެއްގައިވަނީ ނިޒާމީ ވޯޓުގެ މައްސަލައިގައި ބަހުސްކޮށްފައެވެ.

comment ކޮމެންޓް