އަދީބުގެ ފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ސިންގަޕޫރުން ފަރުވާ ކުރަން ދިން މުއްދަތު ތިން ވަނަ ފަހަރަށް ހަމަވުމާއެކު އަނެއްކާވެސް އިތުރު މުއްދަތު ދީފިއެވެ.

ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން އަދީބަށް ފުރަތަމަ ދިނީ 10 ދުވަހެވެ. އެކަމަކު، ފަހުން އެ މުއްދަތު އިތުރު ކުރީއެވެ. އަދި، ދެވަނަ ފަހަރަށް އިތުރު ކުރި މުއްދަތު އޯގަސްޓު 28އަށް ހަމަވުމުން، ސެޕްޓެމްބަރު 15ގެ ނިޔަލަށް އެ މުއްދަތު އިތުރު ކޮށްދޭން ކަރެކްޝަންސްއިން ނިންމީއެވެ. މި މަހު 15 ވަނަ ދުވަހު މުއްދަތު ހަމަވުމުން އަނެއްކާވެސް އަދީބު އެދުނީ އިތުރު މުއްދަތަކަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން މިއަދު "ސަން" އަށް ވިދާޅުވީ އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ފަރުވާއަށް ބޭރުގައި ހުރުމުގެ ހުއްދަ މިއަދު އަދީބަށް ދީފައިވާ ކަމަށެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން، ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ.

އޭނާގެ ޕާޓީ، އެމްޓީޑީން ބުނި ގޮތުގައި އަދީބު ނާރުގެ ބައްޔަކަށް ފަރުވާ ހޯދަން ޖެހުނީ 2015 ވަނަ އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެކަށިގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުލިބުމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

comment ކޮމެންޓް