ދަރިންނަށް ޚަރަދު ނުދޭ މީހެއްގެ ފޮޓޯ އާންމުކޮށް, ޖަލަށް ލައިފި

ޚަރަދު ނުދިން މައްސަލައިގައި ޖަލަށްލި މީހާ: ލަންދޫ ކޯޓުން ވަނީ އޭނާގެ ވަނަވަރު ހާމަކޮށްފައި -- ފޮޓޯ/ ލަންދޫ މެޖިސްޓްރޭޓް ކޯޓު

ދަރިންނަށް ޚަރަދު ނުދޭ މައްސަލައެއްގައި ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މީހަކު ޖަލަށް ލާން ހުކުމްކޮށް، އޭނާގެ ވަނަވަރު މިއަދު ހާމަކޮށްފިއެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ޚަރަދު ނުދޭ މައްސަލައެއްގައި ޖަލަށް ލައިފައިވަނީ އަހުމަދު އަންވަރު، ހެޕީނައިޓް، ކ. ކާށިދޫއެވެ. އެގޮތުން ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލަށް ލައިފައިވާ ކަމަށް އެ ކޯޓުން އާންމުކުރި މައުލޫމާތުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަރިންނަށް ޚަރަދުނުދޭ މީހުންގެ ފޮޓޯ އެންމެ ފުރަތަމަ އާންމުކުރީ ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެފަހުން، އެހެން ބައެއް ކޯޓުތަކުން ވެސް، ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކޮށްފައިވެއެވެ.

ލަންދޫ ކޯޓުން ވަނީ އެ މީހާގެ ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 55 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެފައެވެ. އެ މާއްދާގައި ވަނީ ޚަރަދު ނުދައްކާ މީހުންނަށް، ކޯޓުގެ ހުއްދަނެތި ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފަހައްޓައި، އޭނާގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް، އެކައުންޓުތައް ފްރީޒް ކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅޭނެ ކަމަށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން، އޭނާގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ކޯޓަށް ނެގުމުގެ އިތުރުން، އެ މީހާގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް އެ ގާނޫނުން ވަނީ ދީފައެވެ.

ރާއްޖެއަކީ ވަރި އެންމެ ގިނަ ގައުމު ކަމަށްވާއިރު، ދަރީންގެ ޚަރަދަށްވާ ފައިސާގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދުން ނުފުދުމާއި ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވުމަކީ ޒަމާންވީ ނަމަވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

comment ކޮމެންޓް