ލަންދޫގައި ހުމެއް ފެތުރި ބަލިވާ މީހުން އިތުރުވާތީ، ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަނީ

ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނ. ލަންދޫގައި ހުމެއް ފެތުރި، ބަލިވާ މީހުންގެ އަދަދު އާދަޔާޚިލާފަށް އިތުރުވަމުންދާތީ ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާ ދީފިއެވެ.

މި ބަލިމަޑުކަމާ ގުޅިގެން ރަށުގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި، ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވާން ފެށީ މިދިޔަ ހައްޖު ދުވަހުން ފެށިގެންނެވެ. ކުރިން ދުވާލަކު އެވްރެޖްކޮށް 10 ވަރަކަށް މީހުން ފަރުވާ ހޯދަމުންދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި، ބަލިޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

މި ބަލިމަޑުކަމުގެ އަސަރު އެ ރަށު ސްކޫލަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލަށް އިއްޔެ ހާޒިރުވީ އެންމެ 150 ކުދިންނެވެ. ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދުވުމުން ސްކޫލް ބަންދުކުރުމުގެ ހުއްދައަކަށް ސިއްހީ މަރުކަޒުން އެދުނު ނަމަވެސް، އެޗްޕީއޭއިން ލަފާދީފައިވަނީ ޓެސްޓުތައް ހަދައި ބަލި ދެނެގަތުމަށް ފަހު ވަކި ގޮތެއް ނިންމުމަށެވެ.

ލަންދޫ ސިއްހީ މަރުކަޒުން "ސަން"އަށް ބުނީ ޓެސްޓުތައް ހަދަން ނުފެށިފައިވަނީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ޓެސްޓު ކިޓުތައް ގެނައުމުގައި ލަސްތަކެއް ހުރުމުންނެވެ. މި ވަގުތު އެ ކިޓުތައް ހުރީ އަތޮޅު ހޮސްޕިޓަލުގައެވެ. ފެތުރެމުންދާ ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ބޮލުގައި ރިއްސުން ހިމެނެއެވެ.

"ޓެސްޓުތައް ހަދަން އަދި ނުފަށަން، އެއީ ޓެސްޓު ކިޓް ތައް ނުލިބޭތީ. ކަނޑު ގަދަކަމުން ދަތުރު ނުކުރެވޭތީ އަދި ކިޓްތައް ނުލިބޭ. އެ ތަކެތި ހުރީ ހޮސްޕިޓަލުގައި،" ލަންދޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދިނެވެ.

އެޗްޕީއޭއިން ވަނީ ހުން އައިސް، ނޭވާލާ ނިޒާމުގެ ބަލީގެ އަލާމާތެއް ފެންނަ ނަމަ ގޭގައި މަޑުކުރުމަށާއި، އާންމު އެއްވުންތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށާއި، ސައިބޯނި ލައިގެން ގަވާއިދުން އަތް ދޮވުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ އާއި އިންފްލުއެންޒާ އަދި ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ނ. ލަންދޫގައި އާދަޔާޚިލާފަށް ހުމުގެ ރޯގާއެއް ފެތުރެމުންދާތީ، ކޮވިޑް 19 އަދި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ލަފާދީފައެވެ. މި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުންނާއި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ޓެސްޓު ކިޓުތައް ރަށަށް ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާއިރު، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. ރައްކާތެރިކަމުގެ ގޮތުން ގޭގައި މަޑުކުރުމަށާއި މާސްކު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.

  • ހައްޖު ދުވަހުން ފެށިގެން ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ.
  • ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ދަނީ ފެންނަމުންނެވެ.
  • މޫސުން ގޯސްވުމުގެ ސަބަބުން ޓެސްޓު ކިޓުތައް ލަންދޫއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
  • ބަލީގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށާއި، މާސްކު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
comment ކޮމެންޓް