މާޒިޔާއަށް ބަޝުންދަރަ އަތުން މޮޅެއް

އޭއެފްސީ ކަޕްގައި ބަޝުންދަރައާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ އޭއެފްސީ ކަޕް

އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށް، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު އެ މެޗުން ބަޝުންދަރަ އަތުން މާޒިޔާ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ބަޝުންދަރަ މޮޅުވެފައިވާ އިރު، މިއީ ރާއްޖޭގެ ކްލަބެއް އަތުން ބަޝުންދަރަ ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗު ފެށި އިރު، ނުރައްކާ ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ބަޝުންދަރައެވެ. އެގޮތުން އެޓީމުގެ ބްރެޒިލް ފޯވަޑް ޑޮރިއެލްޓަން ނަސިމެންޓޯގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. މެޗުގެ ކުރީކޮޅުގައި އޭނާގެ ހަމަލާއެއް ފެނިގެންދިޔަ ނަމަވެސް، އެ ހަމަލާ މާޒިޔާގެ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބަޝުންދަރަގެ ހާފްގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވަޑް ވޮޖިސްލާފް ބަލަބަނޮވިޗެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ވެސް މާޒިޔާގެ ބަލަބަނޮވިޗަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަޝުންދަރަގެ ކީޕަރު އަނީސުރް ރަހުމާން ކުރިއަށް ނުކުމެ ހުރުމާއެކު ބަލަބަނޮވިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ނަޒީމް (ޗޯޓު) އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ފޮނުވާލި ހިތްގައިމު ވޮލީއަކުން ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނިގެންދިޔައެވެ. މާޒިޔާއަށް އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އޭގެ މިނެޓެއް ފަހުން ބަޝުންދަރައަށް އެޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމެވެ.

comment ކޮމެންޓް