ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 ޕަސެންޓް އެލަވަންސް ދޭން ރައީސް ނިންމަވައިފި

އައްޑުއަށް ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް އިތުރު 35 ޕަސެންޓް އެލަވަންސްއެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ.

ސަރުކާރުން ބުނީ މިފަދައިން ރައީސް ނިންމެވީ މި އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށް އެލަވަންސް ހަމަޖެއްސިއިރު ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީކަމަށެވެ.

އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލް މުވައްޒަފުންނަށް ވެސް އެ އެލަވަންސް ލިބޭނެކަމަށް ސަރުކާރުން ބުންޏެވެ.

މި ގެނެވުނު ބަދަލާއެކު ސިވިލް ސާވަންޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާ ދެމެދު އޮންނަ ފަރަގު ނައްތައިލެވޭނެކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މީގެ ކުރިން ރައީސް ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ކައުންސިލަރުންގެ ފަރާތުން ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ މަޝްވަރާތަކުގައި އެ މަނިކުފާނުވަނީ އެ ކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް