ނިޒާމީ ވޯޓެއް ނަގަން މަޖިލީހުން އީސީއަށް އެންގޭނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށާއި އެކަން މަޖިލީހުން، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ހުށަހެޅޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ވޯޓަށް އެހުމަށް ހުށަހެޅި ގަރާރަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ގަރާރުގެ މަސައްކަތް އެއްކޮށް ނިމި އީސީއަށް މަޖިލީހުގެ ނިންމުން ހިއްސާކުރުމާ ހަމައަށް މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ސާފުކޮށް ލިބިދީފައި އޮތް ބާރެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ގަރާރު ފާސްކޮށް އާންމު ވޯޓެއް ނަގަން އީސީއަށް އެންގުމުން އެކަން ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުވާނެ ކަމަށެވެ.

"އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް --- ފޮޓޯ/ މަޖިލިސް

އެއަށް ފަހު މެންބަރު އިލްޔާސް ވަނީ އިސްލާހަކާ އެކު ނިޒާމީ ވޯޓަށް އެހުމުގެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އިލްޔާސްގެ ގަރާރުގައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓަށް އެހުމަށް ގޮވާލައިފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެ މަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އެންމެ ފުރަތަމަ ޚިޔާލުތަފާތުވުންތައް އުފެދުނީ ވެސް ވެރިކަމުގެ ނިޒާމާ ގުޅިގެންނެވެ.

އެއަށް ފަހު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް