އެމްއެންޔޫ ފޮތް މައުރުޒުގައި މިއަހަރު 23 ފަރާތަކުން ބައިވެރިވަނީ

އެމްއެންޔޫ ފޮތް މައުރަޒް--

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރުޒުގައި މިއަހަރު 23 ފަރާތަކުން ބައިވެރިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އެމްއެންޔޫއިން ބުނީ މި ފޮތް މައުރުޒުގައި ބައިވެރިވި 23 ފަރާތުގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީގެ އިތުރުން އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ. އެއީ:

 • ރާއްޖޭގެ ގައުމީ ޔުނިވާސިޓީ
 • އާސިޔާ އަބްދުލް ކަރީމް
 • ތަކެތި
 • ޑިންޑިންކޮއެލް
 • ދޮންތި ސީރީޒް
 • ވިއްސާރަދުނި
 • ޕޫޝީ
 • ދިވެހި ބަހުގެ އެކަޑަމީ
 • ޝަފީ ޝަފީޤް
 • މަހި މަހި
 • ލިޔުންތެރިންގެ ގުޅުން
 • އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)
 • ޔުނިކްރާފްޓް
 • އޯލާ މީޑިއާ ޕްރައިވެޓް ލިމިޓެޑް
 • ފެހި ތުނޑު
 • އައިމިނަތު ޝިފްރާ
 • އައިމިނަތް އިބްރާހިމް
 • ދަގަތަ ބޫކްޝޮޕް
 • ޔަވިޔަނި ބުކްސް
 • ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމިއްޔާ
 • އައިމިނަތު ސައީދު
 • އިންސްޓިޓިއުޓް ފޯ މެންޓަލް ވެލްބީން (އައިއެމްޑަބްލިއުބީ)
 • އަހްމަދު ފަޔާޒް ހަސަން

އެމްއެންޔޫއިން ބުނީ މި ފޮތް މައުރުޒު އޮންނާނީ ހަތަރު ދުވަހުގެ މުއްދަތަކަށް މާދަމާއިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކަމަށެވެ.

ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގައި މައުރަޒު ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00އަށެވެ. ހުކުރުދުވަހު ކުރިއަށްދާނީ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 10:00އާ ހަމައަށެވެ.

މި ފޮތް މައުރުޒަކީ ފޮތް އުފައްދާ، ވިއްކާ އަދި ގަންނަ މީހުންގެ ބާޒާރެކެވެ. އެމްއެންޔޫއިން ބުނީ މި މައުރަޒުގެ އަލީގައި ދިވެހި ލިޔުންތެރިން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް، ފޮތް ކިއަން ޝައުގުވެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

އެ ޔުނިވާސިޓީން ބުނީ ދިވެހި ލިޔުންތެރިންނަށް އެ މީހުންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ދިނުމަކީ މި މައުރުޒުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށެވެ. އަދި ޝާއިއު ނުކުރެވި ހުރި މުޅިން އާ ފޮތްތައް މީހުންނަށް ދައްކާލުމުގެ ފުރުސަތުދީ، ފޮތް ކިއުމުގެ އާދަ އުފައްދާ ދެމެހެއްޓުމަށް ކުދިން ޝައުގުވެރިކުރުވުމަކީވެސް މި މައުރުޒުގެ މަގްސަދެއް ކަމުގައި އެމްއެންޔޫއިން ބުނެއެވެ. އަދި ފޮތް ވިއްކަން ބޭނުންވާ ލިޔުންތެރިންނަށް ވެސް މި މައުރުޒުގެ އަލީގައި އެ ފުރުސަތު ފަހި ވާނެ ކަމަށްވެސް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.

އެމްއެންޔޫގެ ފޮތް މައުރަޒުގައި ބައިވެރިވުން މި އަހަރު ވެސް އޮތީ އެހެން އަހަރުތަކެކޭ އެއްގޮތަށް ފީއަކާ ނުލައި ބައިވެރިވެވޭނޭހެންނެވެ. ގައުމީ ޔުނިވާސިޓީން ދަނީ ފަހަކަށްއައިސް މިކަހަލަ ވަރަށް ގިނަ ހަރަކާތްތައް ގައުމު ބިނާ ކުރުމަށްޓަކައި އެކި ނަންނަމުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހު ފަހި ކުތުބުހާނާ ބޭއްވުމަށްވެސް އެ ޔުނިވާސިޓީން ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް