އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނަނީ ރާއްޖޭގައި ކަމަށާއި އެހެންކަމުން ބިރު ގަންނަން ނުޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ ކޮންމެ މެޗެއް ވެސް މުހިންމު ވާނެ ކަމަށާއި މިއަދު ބަޝުންދަރައާ ދެކޮޅަށް ވެސް ނުކުންނާނީ ވަރުގަދަ ޑިފެންސް އަދި އެޓޭކެއް ކޮށް، މެޗުން މޮޅުވުމަށް ކަމަށެވެ.
"މިއީ ރާއްޖެ. އަހަރެމެން ނުޖެހޭނެ ބިރު ގަންނާކަށް. އަހަރެމެން އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާނަން. މާޒިޔާއަށް އެކަންޏެއް ނޫން، މުޅި ރާއްޖެއަށް ރަނގަޅު ނަމެއް ހޯދައިދޭން ކުޅެގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރަން. މި ދެތިން މަހު ދިޔައީ ވަރަށް އުނދަގޫކޮށް. އަހަރެމެން ތައްޔާރުވުމަށް ކްލަބުގެ އޮފިޝަލުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރަން. ކުޅުންތެރިންނަށް އިތުބާރު އެބައޮތް. މިއީ ރަނގަޅު މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
މިލޯ ބުނީ ބަޝުންދަރަގައި ވަރުގަދަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ނަމަވެސް ފުޓުބޯޅައިގައި ވާނެ ގޮތެއް ނޭނގޭނެ ކަމަށެވެ. އަދި މާޒިޔާއަށް މިސީޒަނުގައި ހަ މެޗެއް ލިބުނު އިރު، ބަޝުންދަރައަށް ގިނަ މެޗުތަކެއް ލިބުކަން ވެސް އޭނާ ފާހަގަކުރިއެވެ.
"އިދިކޮޅު ޓީމަށް ގިނަ މެޗުތަކެއް ލިބުނު، ގާތްގަނޑަކަށް 22 މެޗު. އަހަރެމެންނަށް ލިބުނީ ހަ މެޗު. ނަމަވެސް ފުޓުބޯޅައިގައި ކޮންމެ ބަޔަކަށް ވެސް ފުރުސަތު އޮންނާނެ. ކޮންމެ ޓީމަކަށް ވެސް މޮޅުވުމުގެ ފުރުސަތު އޮންނާނެ. ގޯލެއް ނުޖެހުނަސް، ބައިކޮޅަށް ވަންނަ ގޯލެއްގެ ސަބަބުން ވެސް މޮޅުވެދާނެ. އެހެންވީމާ ވާނެ ގޮތެއް ނޭނގޭނެ. މިއީ ތާރީހު އޮތް މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
މިލޯ އިތުރަށް ބުނީ ބަޝުންދަރަ ޓީމުގެ ބައެއް މަގާމުތަކުގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް އެބަހުރި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ދެތިން ކުޅުންތެރިޔަކަށް އެ ޓީމުން ބޮޑު މުސާރައެއް ވެސް ދޭ ކަމަށެވެ. ނަމަވެސް ކިތަންމެ ފައިސާއެއް ހަރަދުކުރިޔަސް، ދަނޑުމަތީގައި އޮންނާނީ ކުރާ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.
އެ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން މާޒިޔާގެ ހުނަރުވެރި ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) ބުނީ މެޗުން މޮޅުވުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި މަދު މެޗުތަކެއް ލިބުނު ނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ބަޝުންދަރަގެ މައްޗަށް ކުރި ހޯދޭނެ ކަމަށެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ އިން ކުޅޭ ފުރަތަމަ މެޗުގައި ބަޝުންދަރައާ ދެކޮޅަށް ނުކުންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.