ފަހުގެ ތާރީޚްތަކުގައި ބޭއްވި އިންތިޚާބުތަކުން އެންމެ ގިނަ މީހުން ވޯޓު ލުމަށް ރީ ރަޖިސްޓާ ވެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރީ ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެ މީހަކު ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް 103،047 މީހުން ރަޖިސްޓާ ކުރި ކަމަށެވެ.
އެ އިންތިޚާބު އެއް ބުރުން އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކުރެއްވިއިރު، އޭގެ ފަސް އަހަރު ފަހުން މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓާ ވެފައިވަނީ 42،867 މީހުންނެވެ. އަދި ދެވަނަ ބުރުގައި އެހެން ތަންތަނަށް ވޯޓުލުމަށް 47،000 ފޯމް ލިބިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ހުށަހެޅި 47،000 ފޯމުގެ ތެރެއިން، މިރޭގެ އަށެއް ޖެހުމާ ހަމަޔަށް ޕެންޑިން ގައި ހުރީ ގާތްގަނޑަށް 16،000 ފޯމު ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރެވެމުންދަނީ މާދަމާގެ ނިޔަލަށް އެ ފޯމްތަކުގެ މަސައްކަތް ނިންމާލެވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުތަކާ ޚިލާފަށް އެހެން އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު ވެސް މަދުއިރު 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިިލިސް އިންތިޚާބުގައި ރީ ރަޖިސްޓާ ވެފައިވަނީ 20،848 މީހުންނެވެ. އަދި ޖެހިގެން އައި އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީ ރަޖިސްޓާ ވެފައިވަނީ 29672 މީހުންނެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ރީ ރަޖިސްޓާ ވެފައިވާކަން ފާހަގަކޮށް އިދިކޮޅުން އަންނަނީ އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަޑު އުފުލަމުންނެވެ.