ކޮންމެ އަހަރަކު އާ އައިފޯނެއް ގަންނާކަށް ނުޖެހޭނެ!

ކޮންމެ އަހަރަކު އެޕަލްއިން އާ އައިފޯން ދައްކާލުމާ އެކު އެތައް ބަޔަކު އާ ފޯނު ބަލާލަން ބޭނުންވެއެވެ. އަދި، އެތައް ބަޔަކު އެ ގަންނަން ވެސް މަސައްކަތް ކުރެއެވެ. އެއްބައި މީހުންނަކީ އާ އަހަރުގެ އާ އައިފޯނު ރިލީޒް ކުރުމާ އެކު ކޮންމެ އަހަރަކު ފޯނު ބަދަލު ކުރާ ބައެކެވެ. ނަމަވެސް ކޮންމެ އަހަރަކު އާ އައިފޯނު ގަންނާކަށް ނުޖެހެއެވެ.

އެޕަލްއިން ދާދި ފަހުން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް އާންމުކޮށްފައެވެ. އެޕަލްގެ ސެޕްޓެމްބަރު އިވެންޓުގައި އާ އައިފޯނުތައް ދައްކާލާފައިވާއިރު އެއަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވަނީ އެޕަލްއިން ހުޅުވާލާފައެވެ. އެއާ އެކު އެތައް ބަޔަކު އިންތިޒާރު ކުރަނީ ފޯނު ލިބޭނެ ދުވަހަކަށެވެ.

އެއްބައި މީހުންނަށް އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓް އަތު ނުޖެހޭ ނަމަ ނިދި ވެސް ނާދެއެވެ. އެގޮތުން ކޮންމެ އަހަރަކު އާ ފޯނު ގަތުމަކީ އެއްބައި މީހުންގެ އާދައެކެވެ. މި ކަމަށް ކުރީގެ ފޯނު ވިއްކާލައި އާ ފޯނު ގަންނަން އިތުރު ރުފިޔާ އެއްކޮށް ފޯނު ގަނެއެވެ. އަނެއް ބަޔަކު ލޯނު ނަގައިގެން ފޯނު ގަނެއެވެ.

ނަމަވެސް ސްމާޓްފޯނު ރިވިއުކޮށް ތަފާތު އެކި ކަހަލަ ދިރާސާތައް ކުރާ މީހުން ވެސް ބުނާނީ އެއް ވާހަކައެކެވެ. އެއީ، ކޮންމެ އަހަރަކު ފޯނު އާ ނުކުރުމަށެވެ. އޭގެ ބަދަލުގައި ތިން އަހަރު ނުވަތަ ހަތަރު އަހަރުން އެއް ފަހަރު ފޯނު ބަދަލު ކުރުމުން އެންމެ ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި، އަޕްޑޭޓްތަކުގެ މުއްދަތުތައް އިތުރުވާތީ އެއަށް ވުރެ ވެސް ގިނަ ދުވަހު ފޯނު ގެންގުޅެވޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކުރީ އަހަރުގެ ފޯނާ އަޅާ ބަލާއިރު މި އަހަރުގެ ފޯނަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އައިފޯން 15 ސީރީޒްގެ އަގުހެޔޮ ދެ ފޯނު ކަމަށްވާ އައިފޯން 15 އަދި 15 ޕްލަސް އަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ކުރިން އިން ނޮޗު ވަނީ މިއަހަރުގެ އަގުހެޔޮ ލައިނުން ވެސް ނަގައި ޑައިނަމިކް އައިލެންޑަށް ބަދަލު ކޮށްފައެވެ.

ޕްރޯ ފޯނުތަކުގެ ފިނިޝް ވަނީ ސްޓެއިންލެސް ސްޓީލްތަކުން ޓައިޓޭނިއަމްއަށް ބަދަލު ކޮށްފައެވެ. އެއާ އެކު އައިފޯނު 15 ޕްރޯގެ ލައިނަށް އައިސްފައިވަނީ ހަމައެކަނި ކެމެރާގެ އަޕްގްރޭޑްތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންވީމާ އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް އޮތް މީހަކު އާ އައިފޯނަށް ބަދަލު ކުރާކަށް ނުވެސް ޖެހެއެވެ.

ނަމަވެސް ކުރީގެ މޮޑެލްތައް ގެންގުޅޭ މީހުންނަށް މިއީ ރަނގަޅު ފޯނަކަށް ވާނެއެވެ. ހާއްސަކޮށް އައިފޯން އެކްސްއެސް އާއި 11 ސީރީޒްގެ ފޯނުތަކަށް މިއީ ވަރުގަދަ އަޕްގްރޭޑަކަަށް ވާނެއެވެ. އަދި މި ފޯނުތަކަށް އައިއޯއެސް އަޕްޑޭޓް ލިބޭނެ މުއްދަތު ވެސް ހަމަވަނީއެވެ. އެހެންވީމާ އާ ފޯނު ގަންނަން ރަނގަޅީ ބޮޑު އަޕްގްރޭޑެއް ބޭނުންވާ މީހުންނެވެ. އެހެންމީހުން އަތުގައި އޮތް އެއް އަހަރުވީ ފޯނު ކޮންމެހެން ބަދަލު ކުރާނެ ކަމެއް ނެތެވެ.

comment ކޮމެންޓް