ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު ބޯޓު ހިފަހައްޓައިފިއެވެ.
ގައުމީ ދިފާއީ ބާރުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ހަތަރު މަސް ބޯޓު, ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ބޭރުގެ ބޯޓުތައް ވަންނަ ކަމުގެ ޝަކުވާ އާންމުކޮށް މަސްވެރިންކުރެއެވެ. އެގޮތުން ދިވެހި މަސްވެރިންގެ ސަމާލުކަމަށް އެފަދަ ބޯޓެއް އަތުވެއްޖެ ނަމަ އެމްއެންޑީއެފަށް ރިޕޯޓް ވެސް ކުރެއެވެ.