އެންމެ ފަހުން ޑިމޮކްރެޓްސް އާއި އެމްޑީޕީ އެއްގަލަކަށް؟

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޝަރުތުތަކަކާ އެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމާމެދު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން މުހިންމު މަޝްވަރާތަކެއް ކުރަމުން އަންނަކަން "ސަން" އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ މިހާރު މަޝްވަރާ ކުރަމުން އަންނަނީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އެ ވޯޓު ރިޔާސީ އިންތިޚާބުގެ ވޯޓަށް ފަހު ބާއްވަން ދެ ޕާޓީން ވެސް އަނގަބަހުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި، އެގޮތަށް އެމްޑީޕީން އެއްބަސްވާނަމަ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ޑިމޮކްރެޓްސްއިން ތާއީދު ކުރުމާ މެދު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

"ފެހި ސިގްނަލްތަކެއް ލިބެމުން އަންނަނީ. ކޮންމެ ގޮތެއް ވިޔަސް ނިޒާމު ބަދަލު ކުރާނަމަ ކުރެވޭނީ ރެފަރަންޑަމަކަށް ގޮސްގެން،" އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅަކު "ސަން" އަށް ވިދާޅުވިއެވެ.

https://sun.mv/182141

މި ދެ ކަންތަކުގައި ދެ ޕާޓީގެ މަޝްވަރާތަކަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅަކާއި ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅަކު "ސަން"އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު "ސަން" އަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީއިން މިއަދު އެއްބަސްވެފައިވާ ކަމަށެވެ.

ނިޒާމީ ވޯޓަކަށް އެހުމަށް ގޮތެއް ނިންމުމަށްޓަކައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ބަހުސް ކުރަން ވެސް މިއަދު އެމްޑީޕީއިން ވަނީ އެއްބަސްވެފައެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އަމަލު ކުރާނެ ގޮތެއް ނިންމުން އޮތީ މިރޭ ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ދެވަނަ ބުރަށް އެ ޕާޓީއަށް ނުދެވުނުއިރު ދެވަނަ ބުރުގައި އިންތިޚާބުގެ ނަތީޖާ އަންނަ ގޮތެއްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނެ ޕާޓީއަކަށް ވާނީ ދަ ޑިމޮކްރެޓްސްއެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި ގުޅޭނެ ޕާޓީއެއް ނިންމުމުގެ ކުރިން އެމްޑީޕީއާއި ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅީ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް އެއްބަސްވުމަށެވެ. އެއީ، މި ވަގުތު އެ ބާރު ރައީސުލްޖުމްހޫރިިއްޔާގެ އަތްޕުޅުގައި އޮތުމުން ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީޕީއެމަށް ވެސް ހުށަހަޅަނީ ހަމަ އެ ކަމެވެ. އެއީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވުމެވެ. ޕީޕީއެމާ އެކު މަޝްވަރާތައް ފެށި ނަމަވެސް އެ މަޝްވަރާތައް މަޑުޖެހުނީ ޕީީޕީއެމުން ޑިމޮކްރެޓުންނާ އެކު ރަސްމީ ލިޔުމެއްގައި ސޮއިކޮށްގެން ކުރިއަށްދާން ބޭނުން ނުވުމުންނެވެ.

އެއާ އެކު ދެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅުކުރެއްވީ މާފުށީ ޖަލަށް ވަޑައިގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި އެ މަނިކުފާނާ މަޝްވަރާކޮށް، ޔާމީންގެ ރައުޔު އެކަމާ މެދު ހޯއްދެވުމަށެވެ.

ނަމަވެސް ޔާމީން ވަނީ، ނަޝީދާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވައިފައެވެ. އެހެންކަމުން ބެލެވެނީ އެއީ ރައީސް ނަޝީދާ އެކު ސިޔާސީ މަސައްކަތެއް އެކުގައި ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި ވިދާޅުވުމެއްގެ ގޮތުގައެވެ. އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސް އުފައްދާފައިވާއިރު ދެ ޕާޓީގެ މެދުގައި މިހާތަނަށް އޮތީ ވަރަށް ބޮޑު ވާދަވެރި ކަމެކެވެ. ޑިމޮކްރެޓްސްގެ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރާއި ރައީސް ޞާލިޙަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް