ފަޒުނާ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ދެކޮޅަށް އަޑުއުފުލައިފި

ހިޔާ ސަރަހައްދުގައި ފަޒްނާ އާއި ކެމްޕެއިން ޓީމް ----

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ހޯއްދެވުމަށް އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލޭގެ ހިޔާ ފްލެޓްތައް ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން މުޒާހަރާކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރަށް ދެ ހަފުތާއަށް ވެފައިވާއިރު ފުރަތަމަ ބުރާ ޚިލާފަށް މެޑަމް ފަޒްނާ ވަނީ ކެމްޕެއިން ކުރެއްވުމަށް މަގުމައްޗަށް ނިކުންނަވާފައެވެ. އެގޮތުން މާލެ އަދި ވިލިމާލޭގައި ވަނީ ޑޯޓްޑޯ އަށް ނުކުމެވަޑައިގަންނަވާފައެވެ.

ހިޔާ ސަރަހައްދުގައި ފަޒްނާ އާއި ކެމްޕެއިން ޓީމް ----

މިއަދު ހަވީރު ފަޒްނާ ވަނީ ކެމްޕޭން ޓީމަތަކާ އެކުގައި ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވާފައެވެ. އަރިހުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް ޞާލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވެސް ހުންނެވިއެވެ.

އިދިކޮޅަށް ތާއިދު ބޮޑުކޮށް ފެންނަ ހިޔާ ސަރަހައްދަށް ފަޒްނާ އާއި ކެމްޕެއިން ޓީމް ވަޑައިގަތުމުން އެ ސަރަހައްދުން ވަނީ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށް އެ ރައްޔިތުންގެ ޝުއޫރު ވެސް ފާޅުކޮށްފައެވެ. އޭގެތެރެއިން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުން އެ ސަރަހައްދުން ދުރަށް ގެންދިޔަ މަންޒަރު ވެސް ފެނުނެއެވެ.

ހިޔާ ސަރަހައްދުގައި ފަޒްނާ އާއި ކެމްޕެއިން ޓީމް ދިއުމުން އިދިކޮޅުން އަޑުއުފުލަނީ ----

އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ދެވަނަ ބުރުގެ ކެމްޕެއިން ވަރުގަދަ ކޮށްފައިވާއިރު އަތުން ކައްސާލި ކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ގެނެސް ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ޞާލިޙް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތް 225،486 މީހުންގެ ތެރެއިން ސައްޚަވީ، 220،651 ވޯޓުގެ ތެރެއިން ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިލެއްވީ 101،635 ވޯޓެވެ.

comment ކޮމެންޓް