ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު މިއަހަރުވެސް އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ލިބޭނެކަން ޔަގީން ކަމަށް އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކީޕަރު މާޓިނޭޒް ވެސް ވަނީ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވެފައެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި އެ އެވޯޑު ހައްގުވަނީ އާޖެންޓީނާގެ ކެޕްޓަން މެސީއަށެވެ.
މިފަހަރުގެ ބެލޮންޑިއޯ އެވޯޑަށް މެސީއާ އެންމެ ވާދަވެރި ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީއާއެކު ތިން ތަށި ހޯދި ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ. މިދިޔަ ސީޒަނުގައި ސިޓީއަށް ހާލަންޑް 52 ގޯލު ކާމިޔާބުކޮށްދިން ނަމަވެސް، މެސީގެ ޓްރޮފީ ކެބިނެޓަށް އިތުރު ޓްރޮފީއެއް އިތުރުވެގެންދާނެ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.
"ބެލޮންޑިއޯ ހޯދާނީ ކާކުކަން އަހަރެމެން އެންމެންނަށް ވެސް އެނގޭ. އެއީ މެސީ. ލިސްޓުގައި އަހަރެންގެ ނަން އޮތުމުން ފަހުރުވެރިވޭ،" މާޓިނޭޒް ބުންޏެވެ.
މިދިޔަ ސީޒަނުގައި މެސީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެއީ މެސީގެ ކެރިއަރުގައި ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ.
މިދިޔަ ސީޒަނުގައި ހާލަންޑް ވަނީ ސިޓީއަށް މޮޅު ކުޅުމެއް ދައްކައި، އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ސިޓީން ފުރަތަމަ ފަހަރަށް ތިން ތަށި ހޯދި އިރު، އެއީ ޗެމްޕިއަންސް ލީގުގެ ތައްޓެއް ވެސް ހޯދި ފުރަތަަމަ ފަހަރެވެ.