ހެންޑަސަން ލިވަޕޫލް ދޫކޮށްލީ ގިނަ ފުރުސަތު ނުލިބިދާނެތީ: ކްލޮޕް

އިނގިރޭސި މިޑްފީލްޑަރު ހެންޑަސަން، ލިވަޕޫލުގެ ކޯޗު ކްލޮޕްއާއެކު -- ފޮޓޯ/ ގެޓީ

އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ކްލަބު ދޫކޮށް ދިޔައީ ދެން އޭނާގެ ބޭނުން ނުޖެހޭނެ ކަމަށް ވިސްނައިގެން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިދިޔަ ސީޒަނަށްފަހު، އުމުރުން 33 އަހަރުގެ ހެންޑަސަން ވަނީ ލިވަޕޫލް ދޫކޮށް ސައުދީގެ އެއްތިފާގާ ގުޅިފައެވެ. ހެންޑަސަން 12 މިލިއަން ޕައުންޑް (15 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން އެ ކްލަބާ ގުޅުނު އިރު އިރު، އޭނާއަށް މުސާރައިގެ ގޮތުގައި އަލް އެއްތިފާގުން ހަފުތާއެކު 700،000 ޕައުންޑް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއްތިފާގާ ގުޅުމުން ހެންޑަސަނަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ. ނަމަވެސް ހެންޑަސަން ބުނެފައިވާ ގޮތުގައި އޭނާ އެ ކްލަބާ ގުޅުނީ ފައިސާގެ ބަދަލުގައި އޭނާއަކީ ވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ދެކޭނެ ކްލަބަކަށް ވާތީއެވެ. އަދި އެކަމާ ސުވާލުކުރުމުން ކްލޮޕް ވެސް ވަނީ އެއަށް ޖަވާބުދީފައެވެ.

"ހެންޑަސަން ދެއްކީ ތެދު ވާހަކަ. އެއީ ހަގީގަތަކީ. އަހަރެމެން އެކަމާ ވާހަކަދެއްކިން. އަހަރެން އެދުނިން މަޑުކުރަން. އެކަމަކު އަހަރެމެން ވާހަކަދެއްކިން ފުރަތަަމަ 11 އިން ގިނަ ފުރުސަތުތަކެއް ނުލިބުމާ މެދު. އެހެންވީމާ އޭނާގެ ވިސްނުމުގައި ހުރީ އަހަރެން ދެން އޭނާ ބޭނުންނުވާނެއޭ،" ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ހެންޑަސަންއަކީ ލިވަޕޫލުގެ އެންމެ ވަރުގަދަ ދުވަސްވަރު ކްލަބުގެ ކެޕްޓަން ކަމަށާއި ލިވަޕޫލާ މެދު އޭނާ ގޯސް ގޮތަކަށް ނުދެކޭ ކަމަށެވެ. އަދި އޭނާއަށް ގިނަ މެޗުތަކަށް ނުދެވިދާނެ ކަމަށް ބުނެފައިވާތީ ކްލަބު ދޫކޮށް ދިޔައީ ކަމަށް ކްލޮޕް ބުންޏެވެ.

comment ކޮމެންޓް