އެންމެން ވެސް ތުލުސްދޫ ''ފެންގަނޑު''ގައި

މަސައްކަތުގެ ވަރުބަލި ކަމާއި މާލޭގެ ބިޒީކަމުން ދުރަށް ޖެހިލަން ހަފުތާ ބަންދުގައި ކައިރި ރަށްތަކަށް ގޮސްލައި ހެދުމަކީ މިހާރު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަމެކެވެ. ހަފުތާ ބަންދުގައި ކައިރި ރަށްތަކަށް ގޮސް "އަންވައިޑް" ކޮށްލައި ކުރިއަށް އޮތް ހަފުތާއަށް ރެޑީވެލަނީ ރީތި މާހައުލުގެ ތެރެއިންނެވެ. އެއާ އެކު ގިނަ ބަޔަކަށް އެންމެ ކަމުގޮސްފައިވަނީ މާލެ އަތޮޅުގެ ތުލުސްދޫކަން ސޯޝަލް މީޑިއާއިން އެނގެއެވެ.

ހަފުތާ ބަންދުގައި މާލެ ކައިރި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އާންމުކޮށް ގޮސް އުޅޭ އެއް ރަށަކީ ތުލުސްދޫއެވެ. ތުލުސްދޫއަށް މިހާ ބޮޑު މަގުބޫލުކަމެއް އުފެދިފައިވަނީ އެ ރަށުގައި އޮންނަ ކުޑަ ކުޑަ "ފެންގަނޑު" ބަލާލައި އެ ތަނަށް އެރިލަން ބޭނުންވާތީއެވެ.

ތުލުސްދޫގައި އޮންނަ މި ފެންގަނޑަކީ އެ ރަށާއި އެ ރަށް ކައިރީގައި އޮންނަ ސާފް ޕޮއިންޓް ރަށް ދެމެދުގައި އޮންނަ ކުޑަ ތަންކޮޅަކަށެވެ. ވަށައިގެން ގަސްތަކުން ނިވާވެފައި އޮން މޫދުކޮޅު ހީވަނީ ކުޑަ ފެންގަނޑެއް ހެނެވެ. މިތަނުގެ ރީތިކަން ފެނި އެތައް ބަޔަކު އަންނަނީ އެ ތަނުގައި ފޮޓޯ ނަގައި ވީޑިއޯ ކުރަމުންނެވެ.

ތުލުސްދުއަށް ދާ ބަޔަކު މޫދަށް އެރޭނަމަ އެ ފެންގަނޑަށް އެރިލާނެއެވެ. މި ތަނަށް އޮންނަ މަގުބޫލުކަން އިތުރުވުމުގެ ސަބަބުން ރަށު މީހުން ވަނީ އެ ތަނުގައި ސިޑިބަރިއެއް ލައި އިތުރަށް ރީތިކޮށްފައެވެ.

"ބަންދު ދުވަހެއްގައި އެ ފެންގަނޑާ ކައިރިވާން މިހާރު އުނދަގޫވާނެ. ކޮންމެ ވަގުތަކު ދިޔަ ނަމަވެސް އެ ތަނުގައި ކޮންމެ ވެސް ބަޔަކު އުޅޭނެ،" ތުލުސްދޫގެ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މި އަހަރު ތެރޭގައި އެ ތަނަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. މީގެ ތެރޭގައި ގިނައީ ދިވެހީން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އެހެންވީމާ، ހަފުތާ ބަންދު އަންނައިރު ތުލުސްދުއަށް ނުދާނަމަ، މިއީ ކޮންމެހެން ވެސް ބަލައިލަން ދާން ޖެހޭ ތަނެކެވެ.

comment ކޮމެންޓް