ބިނާ ކުރަންވީ ''އައްޔަކަސް އަނދިރިއަކަސް'' ހެޔޮވެފައި ނުތިބޭނެ ޖީލެއް

28 ޖުލައި 2018: ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތަކުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަލި ރަސްގެފާނު ޕޯޗުގީޒުންގެ އަތުން ޝަހީދުވެ، ދިވެހިންގެ ރަސްކަން ބޭރުބައެއްގެ އަތްދަށަށް ދިޔައީ ދިވެހިންގެ ތެރެއިން ބަޔަކަށް އެގޮތް ހެޔޮވެގެންނެވެ. ވާހަކައިގައި ކިޔާގޮތުންނަމަ، "އައްޔަކަސް އަނދިރިއަކަސް" ހެޔޮވެގެންނެވެ.

ޕޯޗުގީޒުންގެ ބިޔަ ބޮޑު ލަޝްކަރާ އެ ރަސްގެފާނު ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަތީ އަރިހުގައި ތިބި ދެތިން ވަފާތެރިއަކާ އެކުގައެވެ. ގިނައީ ފިލަން ދުވި މީހުންނެވެ. އޭގެ ކުރިން އެތައް ފަހަރަކު ކާމިޔާބު ނުވި ތަދުބީރު ޕޯޗުގީޒުންނަށް އެފަހަރު ކާމިޔާބު ވީ އެހެންވެއެވެ.

މިއަދު މި ފާހަގަ ކުރަނީ އެ ހާދިސާއަށް ފަހު، އައި ފަނަރަ އަހަރުގެ އަނިޔާވެރިކަމާއި، ހިތްދަތިކަމުން މިންޖުވުމެވެ. ދިވެހި ތާރީޚުގައި ބޭރު ބައެއްގެ އަތްދަށުގައި ރާއްޖެ އޮތް އެންމެ ދިގު މުއްދަތަކީ އެއީއެވެ.

ކަން ދިމާކުރި ގޮތުން މި ފަހަރުގެ ގައުމީ ދުވަސް ދިމާވީ ނުހަނު މުހިއްމު ގައުމީ ނިންމުމެއް ދިވެހިންނާ ކުރިމަތިވެފައިވަނިކޮށެވެ. ގައުމުގެ ވެރިޔަކު އިޚްތިޔާރު ކުރުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލެވިފައިވާ ދުވަސްވަރަކުއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ

އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުއިރު ފެނުނު މަންޒަރަކީ ވޯޓުލެވޭ އާބާދީގެ 21 އިންސައްތަ މީހުން އެ ހައްގު ދޫކޮށްލި ތަނެވެ. ސުވާލަކީ ދިވެހި އާބާދީގެ އެހާބޮޑު ބައެއް މީހާރު ތިބީ އެފަދަ މުހިއްމު ގައުމީ ނިންމުމަކާ މެދު ކޮންމެ ގޮތެއް ހެޔޮކޮށްލައިގެން ތޯއެވެ. ގައުމާ މެދު ފިކުރު ކުރާ މީހުން އެ ވާހަކަ އެބަ ދައްކައެވެ.

"މި ގައުމަކީ ކޮންމެ ކަމެއް ވާން ދޫކޮށްލެވޭ ވަރުގެ ގައުމަކަށް ކޮންމެ ޒުވާނަކު ދެކެން ފަށައިފިއްޔާމުން ކޮބައިތޯ ސަލާމަތެއް," ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާ ގާނޫނީ ވަކީލު އަލީ ރަޝީދު ގައުމީ ދުވަހުގެ މުނާސަބަތުގައި އެސްއެސްޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އަލީ އެ ވިދާޅުވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރާ ޒުވާން ޖީލުގެ ވާހަކައެވެ. އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން "ސަން" ބައެއް ޒުވާނުންނާ ކޮށްލި ސުވާލުތަކުން ވެސް އެނގުނީ ގައުމުގެ ސިޔާސީ ބޮޑެތި ކަންކަމަށް ޒުވާނުންގެ މާބޮޑު ޝައުގެއް ނެތް ކަމެވެ.

https://sun.mv/180975

"ޒުވާނުންނަށް އަޅުގަނޑުމެން އެބަޖެހޭ ޙުއްބުލްވަޠަން އެމީހުންގެ ހިތްތަކުގައި ދިރުވަން އިނގޭތޯ. އާލާކުރުވަން،" އިތުރަށް އަލީ ވިދާޅުވިއެވެ. ސުވާލަކީ؛ އެކަން ކުރެވެން އޮތީ ކިހިނެތްތޯއެވެ.

ތައުލީމީ ނިޒާމުން އުފައްދަންވީ "ގައުމީ ޝަޚުސެއް"

ގައުމާ މެދު ވިސްނާ ޖީލެއް ބިނާ ކުރުމުގައި އެންމެ މުހިއްމު ކަމަކީ ތަރުބިއްޔަތެވެ. ގައުމަށް ޚިދުމަތް ކުރާނެ، ބޭނުންތެރި މީހަކު އުފެއްދުމަށް ގޭތެރެއިންނާއި މަދަރުސާއިން ކުދިންގެ ވިސްނުން ބައްޓަން ކުރެވޭ ގޮތް މުހިއްމު ދައުރެއް އަދާކުރެއެވެ.

ގައުމީ ދުވަހަށް ޚާއްސަކޮށް އެސްއެސްޓީވީން ގެނެސްދިން ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަަދައްކަވަމުން ދިވެހި ބަހުގެ މުދައްރިސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ކުރޮޅި އާދަމް ޒާހިރު ވެސް އެ ވާހަކަ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ތައުލީމީ ނިޒާމު ބަލައިލައިފިއްޔާ ފެންނާނީ ތަރުބިއްޔަތުކުރާ ވާހަކަ. މަންމަޔަކު ބައްޕަޔަކު ދަރިޔަކު އުފަން ކުރުވަން ވިސްނާއިރު ވެސް އެމީހުން ވިސްނާނީ ތިމަންނަގެ ދަރިފުޅު ހަދާނީ ކޮންކަހަލަ ޝަޚުސަކަށްތޯ ބިނާ ކުރާނީ." ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަރުބިއްޔަތުގެ ވާހަކަ ކިތަންމެ ގަދަޔަށް ދެކެވުނަސް ހަގީގަތުގައި "ގައުމީ ޝަޚުސެއް" ތަރުބިއްޔަތު ކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

އެފަދަ ޝަޚުސިއްޔަތުތައް އުފެދުނު ގޮތުގެ މިސާލު އޭނާ ދެއްކެވީ ތާރީޚުންނެވެ. އެގޮތުން އެލެކްޒެންޑާ ދަ ގްރޭޓް އަދި އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ޗަންދްރަ ބޯސްލޭއާއި ޖާންސީ ކީ ރާނީ ފަދަ ބޭފުޅުން އެ މަސައްކަތަށް ތަރުބިއްޔަތުވާން ފެށީ އެންމެ ޅަ އުމުރުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖާންސީ ކީ ރާނީ އިނގިރޭސިން އެތަން [އިިންޑިއާ] އަތުލައިގެން އުޅުނު އިރު އެންމެ މައްޗަށް ނަގާފައި ހުރި ދިދަ ބާލަން އަރާނެ ގޮތް ދަސްކުރީ. އަނެއްކާ ނުވިތާކަށް ފިލައިގެން ގޮސް އަނެއް ބަޔަކަށް ޖެއްސުން ކޮށްގެން އެ މީހުން ފައްސާލާނެ ގޮތް ދަސްކުރީ،"

"އަޅުގަނޑުމެން މި ގައުމަށް މީހަކު އަރައިފިއްޔާ ފައްސާލަން އެއްވެސް ކުއްޖަކު ނުހުންނާނެ. މީހަކު އަރައިފިއްޔާ ފިލާނެ ކުދިން ތިބީ," އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން ހަމައެކަނި ފޯކަސްކުރަންވީ އިމްތިހާނަކަށް ތައްޔާރުވުމަކަށް ނޫންކަމަށެވެ. އަމަލީ ގޮތުން ކުއްޖާ ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކުރުވުން ވެސް މުހިއްމު ކަމަށެވެ.

ގައުމީ ލޯބި ކުދިންގެ ހިތްތަކުގައި އާލާ ކުރުމަށް އެންމެ މުހިއްމު އެއް ކަމަކީ ގައުމިއްޔަތުގެ ބަހާތަކަށް ކުދިންގެ މެދުގައި ލޯބި އުފައްދައި، ހިތް ޖެއްސުމެވެ.

ފެބްރުއަރީ 21، 2019: މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނާއި، ދިވެހި ބަސް އެ ކުދިންގެ ހިތްތަކުގައި ބިންވަޅު ކަނޑައި، ހަރުލެއްވުމެވެ. ޚާއްސަކޮށް، މިއަދުގެ ހާލަތަށް ވިސްނާއިރު ދިވެހި ބަހަށް އާ ޖީލުގެ ކުދިން އަހުލުވެރިކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަނީ ބޮޑުވެފައެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެގޮތުން، ތައުލީމީ ނިޒާމުގެ ތެރެއިން، ދިވެހި ބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރުމަކީ މުހިއްމު ކަމެކެވެ.

ކުދިންގެ ހިތުގައި ގައުމީ ލޯބި އާލާކުރުމަށްޓަކައި، ދިވެހި ބަހަށް އެ ކުދިން އަހުލުވެރި ކުރުވަންޖެހޭ. އެގޮތުން ދިވެހި ބަހުން ކިޔަވައިދޭ މާއްދާތައް މަދުކުރުމުގެ ބަދަލުގައި އިތުރުކުރުމަކީ މުހިއްމު ކަމެއް، ދިވެހި ގައުމާ ގުޅުންހުރި ހުރިހައި މާއްދާތަކެއް ދިވެހިބަހުން ކިޔަވައިދޭންޖެހޭ، އިސްލާމް މާއްދާއާއި ރާއްޖޭގެ ތާރީޚާއި ޖުޣުރާފިއްޔާ ވެސް ދިވެހިބަހުން ކިޔަވައިދޭން ޖެހޭ

އަޝްރަފް އަބްދުުއްރަޙީމް، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް

އެ ބޭފުޅުން އެ ވިދާޅުވަނީ ބޮޑެތި ބަދަލުތަކެއްގެ ވާހަކައެވެ. އެކަމަކު، އެންމެ ކުޑައިރުއްސުރެ ގައުމާ މެދު ވިސްނައި، ގައުމީ މަސްލަހަތު ކުރިއަށް ނެރޭނެ ޖީލެއް ބިނާ ކުރެވެން އޮތީ އެފަދަ ބަދަލުތަކެއް ގެނެސްގެންނެވެ.

އުތީމު ތުނޑީގެ ދޫނިތަކުގެ ފަރާތުން އަޅުވެތިކަމުގެ ހިތިކަމުގެ ފިލާވަޅު ދަސްކުރެއްވި ބޮޑު ތަކުރުފާނު ފަދަ ޖީލެއް އުފެއްދޭނީ އޭރުންނެވެ.

comment ކޮމެންޓް