ޕްލާސްޓިކް ސާޖަރީން 68 އަހަރުގެ އަންހެނެއްގެ މޫނަށް ބޮޑެތި ބަދަލުތަކެއް

68 އަހަރުގެ އަންހެނެއްގެ މޫނަށް ޕްލާސްޓިކް ސާޖަރީން ގެނެސްފައިވާ ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.

ތުރުކީވިލާތުގައި ކޮސްމެޓިކް ސާޖަނެއް ވަނީ، އެ އަންހެންމީހާގެ މޫނުގެ ސާޖަރީތަކަކަށް ފަހު އައިސްފައިވާ ތަފާތު ބޮޑު ބަދަލު ދައްކުވައިދިނުމަށް ކުރީގެ އަދި މިހާރުގެ ފޮޓޯތަކެއް ޓިކްޓޮކްގައި ޙިއްސާކޮށްފައެވެ. ކުރީގެ ފޮޓޯ ކަމަށް ބުނެ ހާމަކޮށްފައިވާ ފޮޓޯއިން ފެންނަނީ ޢުމުރުން ދުވަސްވެފައިވާ މީހެއްގެ މޫނުގައި ހުންނާނެ ނިޝާންތަކެވެ. އަދި، ސާޖަރީތަކަށް ފަހު ނަގާފައިވާ ފޮޓޯކަމަށް ބުނާ ފޮޓޯތަކުގައި ފެންނަނީ އެ އަންހެން މީހާ ވަރަށް ބޮޑަށް ޒުވާންވެ، މުޅިން އެހެން މީހެއްގެ ގޮތުގައެވެ.

މި ސާޖަރީތައް ހަދާފައިވަނީ، އިސްތަންބޫލުގައި ހުންނަ ކްލިނިކެއްގައި ޑރ. މޭ ކިޔާ ޑޮކްޓަރެކެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ ރައިނޯޕްލާސްޓީ، ފޭސްލިފްޓް އަދި ބްލެފަރޯޕްލާސްޓީގެ ސާޖަރީތަކެއް ދެ އަހަރު ވަންދެން ހަދާފައެވެ.

ސާޖަރީތަކުން އެ އަންހެންމީހާގެ މޫނަށް އައިސްފައިވާ ތަފާތު ބޮޑު ބަދަލުތައް ދައްކުވައިދިނުމަށް ހާމަކޮށްފައިވާ ފޮޓޯތައް ޓިކްޓޮކްގައި ޙިއްސާކުރުމާ އެކު ތިން ދުވަހުގެ ތެރޭގައި 85،000 މީހުން ވަނީ އެ ވީޑިއޯ ބަލައިފައެވެ. ގިނަ ބަޔަކު މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާއިރު، އެއް ބަޔަކު ވަނީ، ކުރިން އަދި މިހާރު ނަގާފައިވާ ފޮޓޯތައް އެއީ އެކަކުގެ ފޮޓޯތަކެއް ނޫންކަމަށް ބުނެފައެވެ.

ޕްލާސްޓިކް ސާޖަރީން ގެންނަ ޝައުޤުވެރި ބަދަލުތައް އިޝްތިހާރު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، މިއީ ނުރައްކާތެރި އަގު ބޮޑު އަދި ގިނަ ފަހަރު މުޅި މީހާގެ ސިފައަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އައިސް އެކަމުގެ ވޭންތަކެއް އުފުލަންޖެހޭ ކަމެއްކަން އިނގިރޭސިވިލާތުގެ އެސްތެޓިކް ޕްލާސްޓިކް ސާޖަންސް އެސޯސިއޭޝަނުން ދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ.

comment ކޮމެންޓް