ބޭސް ގުޅައެއް ކަމަށް ހީކޮށް އެޕަލް އެއާޕޮޑެއް ދިރުވާލައިފި

އެމެރިކާގައި އަންހެނަކު ވިޓަމިން ބޭސްގުޅައެއް ކަމަށް ހީކޮށް އޮޅިގެން އެޕަލް އެއާޕޮޑެއް ދިރުވާލައިފިއެވެ.

ރަޙުމަތްތެރިޔާއެކު ވާހަކައަށް ގެއްލިފައިހުރެ، ވިޓަމިން ގުޅަ ކަމަށް ހީކޮށް ފެނާއެކު ދިރުވާލެވުނީ، ވައަތު ކަންފަތުގެ އެއާޕޮޑު ކަމަށް އޭނާގެ ޓިކްޓޮކުގައި ވަނީ ހާމަކޮށްފައެވެ.

އުމުރުން 52 އަހަރުގެ ޓާންނާ ބާކާ އޭނާގެ ޓިކްޓޮކްގައި މިކަމާއި ގުޅޭގޮތުން ހާމަކުރި ވީޑިއޯގައި ކިޔާދީފައިވަނީ، އޭނާގެ ރަހުމަތްތެރިއާއެކު އާދައިގެ މަތިން ހެނދުނު ހިނގަން ނުކުމެ އުޅެފައި، ވިޓަމިން ބޭސް ގުޅަކަމަށް ހީކޮށް އޭނާއަށް އެއާޕޮޑް ދިރުވާލެވުނުކަން އެނގުނީ، އެއާޕޮޑް ބޭނުންކުރަން ވެގެން ނެގިއިރު އަތުގައި އޮތް ވިޓަމިން ގުޅަފެނުމުން ކަމަށެވެ.

ވިޓަމިން ގުޅަ ކަމަށް ހީކޮށް އެއާޕޮޑް އަނގައަށްލައި ފެނާއެކު ދިރުވާލެވުނީ ވަރަށް އުނދަގުލުން ކަމަށާއި، އަދި ބޭސްގުޅައިގެ ބަދަލުގައި ދިރުވާލެވުނީ އެއާޕޮޑްކަން އެނގުމުން ހާސްވިކަމަށް ވެސް ބުނެފައެވެ. އަދި ވަގުތުން ގެއަށްގޮސް ފިރިމީހާއަށް އެ ވާހަކަ ކިޔާދިނުމުން އެއްވެސް މީހަކުގާތު އެވާހަކަ ނުދެއްކުމަށް ފިރިމީހާ ބުނިކަމަށާއި، އެހެން ނަމަވެސް އޭނާ ނިންމީ މިކަމާބެހޭ ގޮތުން ޓިކްޓޮކްގައި ޙިއްސާ ކުރުމަށް ކަމަށް ބުނެފައިވެއެވެ.

ޓާންނާ ބާކާގެ މި ޓިކްޓޮކް ވަނީ ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައެވެ. އެއާޕޮޑް ދިރުވާލެވުމާއި ގުޅިގެން ވަރަށް ގިނަ ޑޮކްޓަރުންނާއި ވާހަކަ ދެއްކި ކަމަށާއި، ހުރިހާ ޑޮކްޓަރުންވެސް ބުނެފައިވަނީ އެއީ އެއްވެސް މައްސަލައަކަށް ނުވާނެ ކަމަށާއި، އަދި އަމިއްލައަށް ބޭރުވާނެ ކަމަށް އިރުޝާދު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް