އަތުގައި ހުންނަ ނިޔަފަތި ކެއުމުގެ އާދައަކީ އަޅުގަޑުމެންގެތެރެއިން ވަރަށް ގިނަ މީހުން ހުއްޓާލަން ބޭނުންވި ނަމަވެސް ހައްލެއް ނުލިބިފައިވާ ކަމެކެވެ.
ނިޔަފަތި ކެއުމަކީ ހަމައެކަނި ކުޑަކުދިންގެ ފަރާތުން ފެންނަ ސިފައެއް ކަމަށް ހީވިޔަސް މި އާދައަކީ ވަކި އުމުރަކަށް ބެހިފައި އޮތް ކަމެއް ނޫނެވެ. އާއްމުކޮށް ބޮޑެތި މީހުންގެ ކިބައިގައި މި އާދަ ހަރުލާފައި ވަނީ ކުޑައިރުއްސުރެ ނިޔަފަތި ކެއުމަށް އާދަވެފައި ހުރުމުން ކަމަށް ދިރާސާތަކުން ދައްކައެވެ.
ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި ނިޔަފަތި ކެއުމަކީ އާއިލީ ކަމެކެވެ. ދަރިފުޅު އުފަންވުމުގެ ކުރިން މައިމީހާ ނިޔަފަތި ކެއުން ހުއްޓާލި ނަމަވެސް މި އާދަ ބަނޑުގައި އޮންނަ ދަރިފުޅަށް ވާރުތަވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ސައިންސް ދިރާސާތަކުން ދައްކައެވެ.
ބައެއްފަހަރު ތިމާ މީހާ ކަމަކާ ހާސްވެ ކަންބޮޑުވެފައިވާ ނަމަވެސް ނިޔަފަތި ކެވޭގޮތްވެއެވެ. ހަމައެއާއެކު ކަމަކާ މާބޮޑަށް ފޫހިވެ ނުވަތަ ބަނޑުހައިވެފައިވާނަމަ ވެސް އަމިއްލަ އިހުތިޔާރަކާ ނުލާ ނިޔަފަތި ކެވެއެވެ. ބައެއް މީހުންނަކީ ނިޔަފަތި ކަނޑަށް ހާއްސަ ދަތި ބޭނުންކުރުމުގެ ބަދަލުގައި އަނގައިން ނިޔަފަތި ކެނޑުމުގެ އާދަ ހަރުލާފައިވާ މީހުންނެވެ.
މިކަމުގެ ސަބަބުން ނިޔަފަތީގެ ޓިޝޫތަކަށް ގެއްލުން ލިބި ނިޔަފަތީގ ވަށައިގެންވާ ހަންގަނޑުގައި ރިއްސުމުގެ އިތުރުން ނިޔަފަތި ދިގުވަމުން އަންނައިރު ހުތުރުގޮތަކަށް ނިޔަފަތި ހުރުމަށް މަގުފަހިކުރުވައެވެ. ބައެއް ހޯދުންތައް ދައްކާ ގޮތުން އާދަކޮށް ނިޔަފަތި ކާ މީހެއްނަމަ އެމީހެއް އަނގައިގެ ހިރުގަނޑަށް ވެސް ސިއްހީ މައްސަލަތަކާ ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
ނިޔަފަތި ކިތަންމެ ރީތިކޮށް ސާފުކުރި ނަމަވެސް ޖަރާސީމުތައް ރައްކާތެރިކަން ހޯދާ އެންމެ މުހިއްމު އެއް ތަނަކީ ނިޔަފަތީގެ ދޭތެރެއެވެ. ހަމައެއާއެކު ނިޔަފަތީ ކެއުމުން ހަންގަޑުތެރެއަށް ނިޔަފަތީގައި ހުންނަ ޖަރާސީމުތަކަށް ވަދެވެން މަގުފަހިކުރުވައެވެ. ނިޔަފަތި ކެއުމުގެ އާދައާ ދުރުހެލިވާން ބޭނުންވާނަމަ މަޑުމަޑުން އެކަމަށް މަސައްކަތް ކުރެވިދާނެއެވެ.
އެގޮތުން އަބަދުވެސް ނިޔަފަތި ކުރުކޮށް ކެނޑުމަށް އާދަކުރާށެވެ. ނިޔަފަތީގައި ނުބައި ރަހައެއްލާ ނެއިލް ޕޮލިޝްއެއް ބޭނުންކުރުމަކީ ވެސް މިކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަމެކެވެ.
އެންމެ ބޮޑަށް ނިޔަފަތިކެވޭ ވަގުތުތައް ނޯޓުކޮށްލުމަށްފަހު އެވަގުތުތަކުގައި އަތަށް އަންގިއެއް ލެއްވިދާނެއެވެ. މި ހުރިހާ ކަމެއް ކުރުމަށްފަހު ވެސް މިއީ ހުއްޓާލަން އުނދަގޫ ކަމެއްހެން ހީވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަން އަވަސްވެގަންނާށެވެ.