ބަދަލުނުވާ ސަގާފަތާއި ހިތި ހަގީގަތް، ރައީސަށް އަނބުރާލެވިދާނެތަ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ލޯންޗުކޮޅުގައި ފޮތެއްގައި އެއްޗެއް ނޯޓު ކުރައްވަނީ -- ފޮޓޯ/ މުންޝިދް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ހިތި ނަތީޖާއަކާއެވެ. އެ ހިތީގެ އަސަރު މުޅި ކެމްޕޭނުން ފެނެއެވެ. އެ އެކަންޏެއް ނޫނެވެ. ދެވަނަ ދައުރަކަށް އުންމީދު ކުރައްވައިގެން ދެވަނަ ބުރަކަށް ނުކުންނަވާއިރު، ބަދަލުނުވެ އޮތް ސިޔާސީ ތޮބީއަތާއި ހަގީގަތް ވެސް އޮތީ އެމްޑީޕީއަށް ފުރަގަސް ދީގެނެވެ.

ސިޔާސީ ހަގީގަތަކީ، ވެރިކަމުގައި އޮވެ، އިއްތިހާދެއް އެކުލަވައިލުމަކީ ދެލޯ މަރައިގެން ތިނޯހަކަށް ރޮދި ލެއްވުން ޒާތު ކަމެކެވެ. ވެދާނެ ކަމެއް ވިޔަސް، އުނދަގޫ އަދި ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ބަދަލުނުވެ އޮތް އަނެއް ސަގާފަތަކީ ރާއްޖޭގެ އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް ނުދިނުމުގެ ހިތި ސަގާފަތެވެ. އެ ހިއްޗަށް ބަލައިގެން މި ފަހަރު ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޮތީ އުނދަގޫ ދަތުރެކެވެ.

ބަދަލުނުވެ އޮތް އުނދަގޫ ހިތި ސަގާފަތާއި ހަގީގަތަށް ހިސާބެއް ޖަހާއިރު، މިހާރު އެންމެން ވެސް ކުރާ ބޮޑު ސުވާލަކީ އެ ސަގާފަތް ރައީސަށް ބަދަލު ކޮށްލެވިދާނެތޯއެވެ؟

ކުޅިބައި އެތުރޭނީ ކިހިނެއް؟

މި މަހު 30 ގައި އޮންނަ ފައިނަލަށް ބޮޑު ދެ ޕާޓީން ނުކުންނައިރު، އެންމެ މުހިއްމު ސުވާލަކީ ކުދި ޕާޓީތަކާ އެކު ސިޔާސީ ކުޅިބައި އެތުރި ނިމޭނީ ކިހިނަކުންތޯއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތް 225،486 މީހުންގެ ތެރެއިން ސައްހަވީ، 220،651 ވޯޓުގެ ތެރެއިން 86،161 ވޯޓު ލިބިވަޑައިގެން ރައީސް ޞާލިޙަށް ހަމަ ގައިމު ވެސް ކޯލިޝަނެއް މުހިއްމެވެ. އެ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަތްބައިގައި ސިޔާސީ ހުރިހާ ކާޑެއް ހުރިއިރު، އެ ބުރުގައި ހޯއްދެވި 101،635 ވޯޓާ އެކު މުއިއްޒު ހުންނެވީ އުންމީދުގައެވެ.

ރިޔާސީ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ވަގުތު

ބޮޑު ދެ ޕާޓީއާ ގާތް ކުރެވޭ ވަރަށް ވެސް ބާކީ ތިބި ހަ ކެންޑިޑޭޓުންނަށް ވޯޓެއް ނުހޯދެއެވެ. އެކަމަކު، ބޮއްކުރާ ދޮށަށް އޮނޑި ކަނބާ އުސޫލުން، އެ ދެ ބޭފުޅުން ވެސް އެ ގެންދަވަނީ ފުރަތަމަ ބުރުން ޕަސެންޓެއްގެ ވޯޓު ވެސް ނުހޯދުނު ކެންޑިޑޭޓުން އަރިހަށް ވަޑައިގެން ބައްދަލުކުރައްވާ، ގުޅެވޭނެ އެއްވެސް މަގެއް އޮތްތޯ މަޝްވަރާ ކުރައްވަމުންނެވެ.

ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގެން ގާސިމް އިބްރާހިމް އަރިހަށް އިއްޔެ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަތީ ރިސޯޓަށް ދުރުވާށެވެ. ހަމަ އެގޮތަށް، ފަރިކޮށްފައި މާ މޮޅު ބޭފުޅެއް ކަމަށް ދައްކާފައި ބޮޑު ހަފުލާއަކުން ޕީޕީއެމުން މަރުހަބާ ދެންނެވީ ވެސް 1،907 ވޯޓު ލިބިވަޑައިގެން މުހައްމަދު ނާޒިމަށެވެ. އެއީ، ދެވަނަ ބުރަކަށް ކޯލިޝަނެއް މުހިއްމުވުމުން، ސިޔާސީ ބޭބޭފުޅުން ގޮސް ވެއްޓިވަޑައިގަންނަވާ ދަރަޖައެވެ.

ހަގީގަތުގައި ކޯލިޝަނެއް ހަދަން މި ފަހަރު އެންމެ މުހިއްމީ އެމްޑީޕީން ވަކިވެ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއެވެ. ފުރަތަމަ ބުރުގައި 15،839 ވޯޓު ހޯދި ޑިމޮކްރެޓްސްއަށް މި ފަހަރު އޮތީ ހުސް ގޯހެވެ. އެއް ކޮޅުގައި ހުންނެވި ރައީސް ޞާލިޙަކީ، އެ ބޭފުޅަކާ ދެކޮޅަށް މުޅި އެ ޕާޓީ ބިނާވާ ބޭފުޅާއެވެ. ދެން ހުންނެވި ޑރ. މުއިއްޒަކީ ވެސް އެ ބޭފުޅުން އެންމެ ނުރުހުންވާ އެއް ސިޔާސީ ބޭފުޅާއެވެ.

https://sun.mv/181927

އެކަމަކު، އެ ޕާޓީގެ ރޫހު ހުރީ "އިބޫ ނޫން ގޮތެއް،" ހޯދުމަށެވެ. އެއީ، އަނެއްކާ ވެސް ހިތި ސަގާފަތް ފިލުވައިލަން ރައީސަށް އޮތް ހުރަހެކެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މުހައްމަދު ވަހީދު ވައްޑޭ ވިދާޅުވި ގޮތުގައި އެ ޕާޓީން މަޝްވަރާ ކުރަން ޖެހެނީ، އެ ޕާޓީގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒު ކުރުމާ ގުޅުވައެވެ. އެކަމަކު، ހަރުއަޑުން ވިދާޅުވީ، ރައީސް ޞާލިޙާ ގުޅުމަކީ އެ ޕާޓީއަށް އޮތް ގޮތެއް ނޫން ކަމަށެވެ. މުޅި ޕާޓީގައި އޮތީ އެ ރޫހެވެ.

"އަޅުގަނޑުމެންނަށް ހަމަ ގައިމު ވެސް އިބްރާހިމް މުހައްމަދު ޞާލިޙަކަށް ތާއީދެއް ނުކުރެވޭނެ،" މުހައްމަދު ވަހީދު (ވައްޑޭ)

އެހެންވެ، އިތުރު ގޮތެއް ނެތި ދެ ޕާޓީގެ މެދުގައި އޮތަސް، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅޭކަށް ބޭނުމެއް ނޫނެވެ. ދެން ހުންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ފުރަތަމަ ބުރުގައި 6،343 ވޯޓާ އެކު ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ވަނީ މާ ކުރިން ކޯލިޝަނަށް ނޫނެކޭ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވާ ގޮތުން ނަމަ، ކޯލިޝަނަކީ "ދައުލަތް ލޫޓުވާލަން ދާ ކާރެ"ކެވެ. ދެން ހުންނެވި ގާސިމް ދެފެން ދޭތެރޭގައި ހުންނެވިއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން އަދިވެސް ހުންނެވީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރަކަށެވެ. އެކަމަކު، ވަކިން ވާދަކުރައްވާ މުޅި ކެމްޕޭންގައި ގާސިމް ފާޑު ވިދާޅުވީ މި ސަރުކާރަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ގާސިމް އިބްރާހިމް އިއްޔެ މާމިގިލީ އެއާޕޯޓުގައި -- ފޮޓޯ/ ޖޭޕީ

އިއްޔެ ރައީސާ ބައްދަލު ކުރެއްވިއެވެ. އޭގެ ކުރީ ދުވަހު، ޕީޕީއެމާ އެކު ވެސް މަޝްވަރާ ކުރެއްވިއެވެ. ނިންމުމެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނެވެ.

ކޮފީ މޭޒުތަކުގައާއި އެކަހެރިވެލީމާ، އެ ޕާޓީ ބޭބޭފުޅުން ވިދާޅުވާ ވާހަކަތަކުން އެނގެނީ ގާސިމަށް ޖޭޕީ ކައުންސިލްގެ މެޖޯރިޓީ ނެތް ކަމެވެ. އެހެންވެ، އެ ޕާޓީގެ ނިންމުން އެނގޭނީ ހަމަ ހަގީގަތުގައި ވެސް ކައުންސިލް ބައްދަލުވުމާ ހަމައިންނެވެ. ތުންތުން މަތިން އިވޭ ގޮތުން ނަމަ، މެޖޯރިޓީ ނަންގަވައިގެން އުޅުއްވަނީ ކުރިން ޕީޕީއެމްގައި އުޅުއްވި ބޭފުޅުންނެވެ.

އެކަމަކު، އެންމެ ރަނގަޅު ހާލަތެއްގައި ޖޭޕީގެ 5،000 ވޯޓު އެކަށް އެމްޑީޕީއަށް ލިބުނަސް އޭރުން ވެސް ޕީއެންސީއާ އަރާ ހަމަކުރަން އިތުރު 10،000 ވޯޓު ބޭނުންވާނެއެވެ.

ފެންނަ ފެނުމާއި މާޒީއާއި އަދި ވަމުންދާ ގޮތަށް ބަލާއިރު، މި އިންތިޚާބުގެ ދެވަނަ ބުރެއްގައި ސަރުކާރާ އެކު ކޯލިޝަން ހަދަން ޕާޓިތަކަށް ދައްޗެވެ. އެ މަންޒަރެއް ނުފެނެއެވެ. ކުޅިބައި އެތުރެމުންދާ ގޮތަށް ބަލާއިރު، އަނެއްކާ ވެސް އިތުރުވާތީ ފެންނަނީ ސަރުކާރާ ދެކޮޅު ވޯޓެވެ. އެއީ އަނެއްކާ ވެސް ކުރީގެ ތޮބީއަތާއި ސަގާފަތާ އެއްގޮތަށް އެނބުރޭ އެނބުރުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކެމްޕޭނަށް ނ. ޅޮއްސަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ތަޖުރިބާއަކީ، 2008 ވަނަ އަހަރު ވެސް އޭރުގެ ސަރުކާރާ ގުޅޭނެ ޕާޓީއެއް ނުވުމެވެ. އެހެންވެ، ދެވަނަ ބުރުން ކާމިޔާބު ކުރެއްވީ ސަރުކާރާ ދެކޮޅު ކެންޑިޑޭޓު މުހައްމަދު ނަޝީދެވެ. އޭގެ ފަހުން، 2013 ގައި ވެސް ސަރުކާރާ ދެކޮޅަށް ނުކުންނެވި ކެންޑިޑޭޓު ދެވަނަ ބުރުގައި ކުރި ހޯއްދެވީ އެހެން ހުރިހާ ޕާޓީތަކެއް ގުޅިގެން އުފެއްދި އިއްތިހާދަކުންނެވެ. މިދިޔަ 2018 ވަނަ އަހަރު ވެސް އެހެން ހުރިހާ ޕާޓީތަކުން ކޯލިޝަނެއް ހަދައި، ސަރުކާރު ބަލިކޮށް، ބަދަލުކުރީއެވެ.

އެމްޑީޕީން ޖަހާ ހިސާބު

ފުރަތަމަ ބުރުގައި ރައީސް ޞާލިޙް ވިދާޅުވީ، 130،000 ވޯޓު ޔަގީންވެ، ކަށަވަރު ކަމަށެވެ. އެކަމަކު، ނަތީޖާއިން ފެނުނީ ހަގީގަތާއި އެ ހިސާބާ ދެމެދު 40،000 އަށްވުރެ ބޮޑު ފަރަގެއް އުޅުނު ތަނެވެ.

ފުރަތަމަ ބުރުގެ ނަތީޖާ ގުނައި ނިމެން އުޅެނިކޮށް، ފޯނުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެ ބޭފުޅުން "އެކްސްޕެކްޓު" ކުރި މިންވަރާ ގާތަށް ވެސް މީހުން ވޯޓުލާން ނުނިކުތް ކަމަށެވެ. އަދި، ވޯޓުލާން ނުކުންނަ ނިސްބަތް މަތިކޮށް، ދެވަނަ ބުރެއްގައި ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

https://sun.mv/181834

"އަޅުގަނޑުމެންގެ ޕްރެޑިކްޝަން އެއޮތީ ގޯސްވެފައި. އެކަމުގެ މައިގަނޑު ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ ވަރަށް ބޮޑު އަދަދެއް، އަޅުގަނޑުމެން އެކްސްޕެކްޓު ކުރި އަދަދު ވޯޓުލާން ނުނިކުތުން،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ވޯޓާސްއަށް ރީޗްއައުޓް ކުރަން. ކޮށްގެން ހަމަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ސެކަންޑް ރައުންޑެއްގައި އަޅުގަނޑުމެންނަށް ވިން ވާނެ ކަމަށް. އަދި މީގެ އިތުރުން މި އިންތިޚާބުގައި ބައިވެރިވި އެހެން ފަރާތްތަކާ އެކު ވެސް ވާހަކަދައްކާނަން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް،"

ސިޔާސީ ހަގީގަތާއި ރާއްޖޭގައި ބަދަލުނުވެ އޮތް އިންތިޚާބުތަކުގެ ސަގާފަތާއި އަދި ތޮބީއަތާ ވެސް ދެކޮޅަށް އެމްޑީޕީން ޖަހާ ހިސާބަކީ އެއީއެވެ. އެކަމަކު، ވޯޓުލާން ނުނިކުތް 56،959 މީހުންނަކީ ހުސް އެމްޑީޕީ ވޯޓު ކަމަށް ދެކެވޭކަށް ނެތެވެ. އޭގެން ބޮޑު އިންސައްތައެއް ލިބިވަޑައިގަތަސް، ނަތީޖާގެ ފަރަގު އަނބުރާލުން ވާނީ ހިމޭން ޖާދުލަކަށެވެ.

އުފާވެރި މާލެ ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިހާތަނަށް ހަ އިންތިޚާބުގައި ވާދަކުރެއްވި ރައީސް ޞާލިޙަކީ މިހާތަނަށް އެންމެ އިންތިޚާބެއްގައި ވެސް ނާކާމިޔާބުވީ ބޭފުޅެއް ނޫނެވެ.

އެކަމަކު، މި ފަހަރު އެ މަނިކުފާނު އެ ނުކުންނަވަނީ ސިޔާސީ ހަގީގަތާ ދެކޮޅަށެވެ. ބަދަލުނުވެ އޮތް ވެރިކަން ބަދަލު ކުރުމުގެ ސަގާފަތާ އިދިކީއްޔަށެވެ. އެ މަނިކުފާނު ހަތްވަނަ، މި އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ އެއީ، އެތައް ގޮތަކުން ރެކޯޑެކެވެ. އޭރުން އެ މަނިކުފާނު ވެލައްވާނީ، އާ ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރެއް ހޯއްދެވި ފުރަތަމަ ރައީސަށެވެ. ސަރުކާރުގައި ހުންނަވައިގެން ދެވަނަ ބުރަކުން ކާމިޔާބު ކުރެއްވި ފުރަތަމަ ލީޑަރަށެވެ. އަދި، ސިޔާސީ މައިދާނުން ރިޓަޔާ ވެސް ކުރައްވާނީ އެންމެ ބައްޔެއް ވެސް ވެނުލައްވައެވެ. ސުވާލަކީ ބަދަލުނުވާ ހިތި ސަގާފަތް ރައީސަށް އަނބުރާލެވިދާނެތޯއެވެ.

comment ކޮމެންޓް