ވިނަރެސް އަދި ކުންފުނިތަކުގެ ފްލެޓުތަކުގެ އަގު ކުޑަކޮށްދޭން މުއިއްޒު ވައުދެވެއްޖެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އިދިކޮޅުން ބޭއްވި އެއްވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: މުހައްމަދު ސާތިއު

ވިނަރެސް ފްލެޓުތަކާއި، ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތްކުރި ފްލެޓުތަކުގެ އަގު ތިރިކޮށްދެއްވުމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މިރޭ މާލޭގައި އޮތް ކެންޕޭނު ރެލީގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ވިނަރެސް ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން ސަރުކާރުން ވަނީ އެ މަޝްރޫއުގެ ނަން ބަދަލުކޮށް، ބޮޑު ޑައުންޕޭމަންޓެއް ދޭ ގޮތަށް ފްލެޓުތައް ދޫކޮށްފައި ކަމަށެވެ.

އަދި އެ ފްލެޓުތަކުގެ ޑައުންޕޭމަންޓާއި، މަހުން މަހަށް ދައްކާ އަގުގެ ގޮތުގައި މަތީ ފެންވަރުގެ އެޕާޓްމެންޓަކާ އެއްވަރަށް ފައިސާ ބަހައްޓަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިތަނުގައި ސީދާ އަދަދުތައް ނުދެންނެވިއަސް އަޅުގަނޑު ދޭ ޔަގީން ކަމަކީ، މި އަގުތަކަށް، ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ދައްކަން އިތް ބޮޑު އަގާ، މަހުން މަހަށް ދައްކަންޖެހޭ އަގުތަކާ ކުޑަކޮށްދީ، އެ އަގުތައް ރައްޔިތުންގެ އަތްފޯރާފަށަށް ކުޑަކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަގުތައް ކުޑަކުރި ނަމަވެސް އެ މަޝްރޫއުން އާބަންކޯއަށް ފައިދާވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް ހިޔާގެ ދަށުން އިމާރާތްކުރި ފްލެޓުތައް ވެސް، އަގު ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެފަދަ ފްލެޓުތަކުން ބޮޑު އަގު އަތުލުމަކީ އެކަން ކުރަންޖެހޭނެ ގޮތް ނޫންކަމަށެވެ.

މިރޭގެ ރެލީގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ މި ސަރުކާރުން މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރި ގޯތިތައް އަތުނުލާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

"އަޅުގަނޑުމެންނެއް ރައްޔިތުންނަށް ލިބިފަ އޮތް އެއްޗެއް، ލިބެން އޮތް އެއްޗެއް ނަމަވެސް އަތެއް ނުލާނަމޭ. އެއީ ފްލެޓެއް ކަމަށް ވިޔަސް ގޯތި ކަމަށް ވިޔަސް، އަދި ކިޔެއް ވަޒީފާ ކަމަށް ވިޔަސް، އަދި އިތުރު ފުރުސަތެއް ކަމަށް ވިޔަސް" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ ސިޔާސަތަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގަިއ 32 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އެކަން އިސްލާހު ކުރުމަށް ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވާނެ ކަމަށާޢި، ނަމަވެސް، އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް