ފޮސްތޮޗްނީ (13 ސެޕްޓެމްބަރު 2023): އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގް އުން ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގައި، ފަޒާއާބެހޭ ރަޝިއާގެ އެންމެ ބޮޑު ބޭސްގައި ރައީސް ވްލަދިމިޔަރ ޕޫޓިން އޭނާއާ ބައްދަލުކުރައްވައިފިއެވެ.
ރަޝިއާގެ ރައީސް އެހެން ގައުމެއްގެ ވެރިއަކާ ބައްދަލުކުރައްވަން މިހާތަނަށް އެގައުމުގެ ފަޒާއާބެހޭ ބޭސް ބޭނުން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ރަޝިއާގެ ފޮސްތޮޗްނީގެ ފަޒާއާބެހޭ މައި ބޭސް އާއި ފަޒާގެ މައި މަރުކަޒުގައި ޕޫޓިން، އުތުރުކޮރެއާގެ ޒައީމް އާ ބައްދަލުކުރެއްވުމަކީ ރަޝިއާއިން އެމެރިކާއަށް ދިން ވަރުގަދަ މެސެޖެއްކަމަށް މުރާސިލުން ސިފަކުރެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޫޓިން އެމެރިކާއަށް މިދެއްވަނީ ރަޝިއާގެ ފަޒާއާބެހޭ ޓެކްނޮލޮޖީ އުތުރުކޮރެއާއަށް ދީފާނެ ކަމުގެ މެސެޖެކެވެ. އުތުރުކޮރެއާއަކީ ރަޝިއާގެ ޓެކްނޮލޮޖީ އަސާސަކަށް ބަލައިގެން އަމިއްލަ މަސައްކަތުން ފަޒާގެ ޓެކްނޮލޮޖީ ކުރިއަރުވަން މަސައްކަތްކުރާ ގައުމެކެވެ. ނަމަވެސް ފަޒާއަށް ސެޓްލައިޓް ފޮނުވަން އެގައުމުގެ ސައެންސްވެރިން ތިންފަހަރެއްގެ މަތިން ކުރި މަސައްކަތްވެސްވަނީ ނާކާމިޔާބުވެފައެވެ.
އުތުރުކޮރެއާއަކީ އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔާ ބޮމާއި ހައިޑްރިޖަން ބޮން އުފައްދާފައިވާ ގައުމަކަށްވީނަމަވެސް ފަޒާގެ ޓެކްނޮލޮޖީ ކުރިއެރުވުމުގައި އެގައުމަށް ކުރިއެރުން ލިބޭތަނެއް ނުފެނެއެވެ.
ރަޝިއާއަކީ ފަޒާގެ ޓެކްނޮލޮޖީގައި އެމެރިކާއާ ދާދި އެއްވަރަކަށް ކުރިއަރާފައިވާ ގައުމެކެވެ. ރަޝިއާ މިހާރުވެސް ގެންދަނީ އެގައުމުގެ އަމިއްލަ ސްޓޭޝަނެއް ފަޒާގައި ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފަޒާގެ ދިރާސާތަކާބެހޭ ސްޓޭޝަނެއް އެމެރިކާއަށް ވެސް އަދި ބިނާކުރެވިފައެއް ނުވެއެވެ.
މިހާރު ފަޒާގައިހުރި ރީސާޗް މަރުކަޒުކަމަށްވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް) ބިނާކުރުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވަނީ ރަޝިއާއިންނެވެ. މިއީ އެމެރިކާއާއި ޔޫރަޕް އަދި ޖަޕާންވެސް ބައިވެރިވާ މަޝްރޫއެކެވެ.
އެމެރިކާގެ ފަޒާގެ އުޅަނދުތައް ހަލާކުވެފައިވާތީ "އައި.އެސް.އެސް"އަށް ކުރާ ދަތުރުތަކުގައި އެމެރިކާވެސް ބޭނުންކުރަނީ ރަޝިއާގެ ފަޒާއާބެޙޭ ކެޕްސޫލްތަކެވެ. އުތުރު ކޮރެއާއަކީ ރޮކެޓް އުފައްދާ ގައުމަކަށްވާތީ ރަޝިއާގެ ޓެކްނިކަލް އެހީ ލިބިއްޖެނަމަ ފަޒާގެ ޓެކްނޮލޮޖީގައި ވަރަށް ބާރަށް ކުރިޔަށް ދިޔުމުގެ މަގު އުތުރު ކޮރެއާއަށް ފަހިވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.
އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގް އުން ރަޝިއާއަށް މިވަޑައިގެންނެވީ ރަޝިއާއަށް ވަޑައިނުގަތުމަށް އެމެރިކާ ދެމުން ދިޔަ އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވުމަށްފަހުގައެވެ.
އުތުރުކޮރެއާ އަކީ ރަޝިޔާގެވެސް އެއްބާރުލުމާއެކު ވަރަށް ކުރީއްސުރެ އދގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާއާއި ރަޝިއާގެ ގުޅުންތައް ގޯސްވުމުން ރަޝިއާ ވަނީ އުތުރުކޮރެއާއާ ދެކޮޅަށް އދ.އިން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލަނބައި އެފިޔަވަޅުތައް އެއްފަރާތް ކުރުމަށްފަހު އުތުރުކޮރެއާ އާ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން މުއާމަލާތްކުރަން ފަށާފައެވެ.
މިމައްސަލާގައި އެމެރިކާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތެވެ. އަނެއްކޮޅުން އުތުރުކޮރެއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާ ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުންވެސް ރަޝިއާ މިހާރުވަނީ މުޅިން ހުއްޓާލާފައެވެ. ރަޝިއާގެ އިތުރުން ޗައިނާވެސް ގެންދަނީ އުތުރުކޮރެއާއާ ދެކޮޅަށް އދ.އިން އަޅާފައިވާ ފިޔަވަޅުތަކަށް މާބޮޑު އަޅާލުމެއްނެތި އުތުރުކޮރެއާ އާ އިގްތިސާދީ ގޮތުން މުއާމަލާތްކުރަން ފަށާފައެވެ.
އުތުރު ކޮރެއާގެ ޒައީމް ރަޝިޔާއަށް ވަޑައިގެންފައި މިވަނީ ޚާއްސަ ރޭލެއްގައެވެ. އެއީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ އަދި ގިނަ ވަސީލަތްތަކެއް ހިމެނޭ ރޭލެކެވެ. އޭގައި ހަތިޔާރާއި ދިފާޢީ ނިޒާމުތަކާއި ރާޑަރުތައްވެސް ހުރެއެވެ. ހެލިކޮޕްޓަރުތައް ވެސް ހުންނަ ކަމަށްއެވެ.
ޔުކްރެއިން ހަނގުރާމައިގާ ބޭނުންކުރުމަށް ރަޝިއާ ގެންދަނީ އުތުރުކޮރެއާއިން ހަތިޔާރުވެސް ހޯދަމުންނެވެ. މިއީވެސް އެމެރިކާ ވަރަށް ބޮޑަށް ރުޅި އައިސްފައިވާ މައްސަލައެކެވެ. އުތުރު ކޮރެޔާގެ ޒައީމް ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ހަތިޔާރުގެ ސިނާއަތާއި ފަޒާގެ ސިނާއަތާއި ހަކަތައިގެ ދާއިރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާކަމަށް އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.