އަލިފާނުގެ ހާދިސާގައި ގެއްލުންވީ ގުދަނަކަށް އެކަނި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިނގި އަލިފާނުގެ ހާދިސާ--

މިއަދު ހެނދުނު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި "ލެކްސްއޮން" ކިޔާ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ ގުދަނަކަށް އެކަނި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ޓެރަސް މަތީގައި ހުރި ގުދަނަކަށް ފިޔަވާ އިތުރު ތަނަކަށް ގެއްލުންވެފައިނުވާ ކަމަށެވެ.

ޓިނުން ހަދާފައި ހުރި މި ގުދަނަކީ ގެދޮރު އިމާރާތް ކުރާ ސާމާނު ރައްކާ ކޮށްފައި ހުރި ގުދަނެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ގުދަނުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި، އެ ސަބަބު ދެނެގަންނަން އިނގޭނީ ޑީޓެއިލް އިންވެސްޓިގޭޝަނަކަށް ފަހު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަން ވެސް އެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ.

މި ހާދިސާގެ މައުލޫމާތުު ފަޔާ ސްޓޭޝަނަށް މިއަދު 08:30 ހާއިރު ލިބިފައިވާއިރު، 08:49 ގައި ފަޔާ ފައިޓަރުން ވަނީ ގުދަނުގައި ރޯވި އަލިފާން އެއްކޮށް ނިވާލާފައެވެ.

comment ކޮމެންޓް