އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ފޯރުވާ ނުފޫޒު ހަނިކޮށް، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި އިންތި މި ގަރާރު ހުށަހެޅުއްވީ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒް ނުފޫޒާއި ބާރު ފޯރުވަމުން އަންނަ އައުމާ މެދު މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިތުބާރުކުރުވަނިވި ހައްލެއް މިހާތަނަށް ހޯދައިދީފައިނުވާ ކަމަށް ފާހަގަކުރައްވައެވެ.
ގަރާރުގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސް ކަމަށެވެ. ހާމަކަން ބޮޑު އިތުބާރު ހިފޭ އިންތިޚާބެއް ބޭއްވުމުގެ ޖާގަ ވެސް ކަށަވަރުވެފައި އޮތުން މުހިންމު ކަމަށް ގަރާރުގައިވެއެވެ.
މީގެ އިތުރުން ކެމްޕޭން ދަތުރުތަކާއި ރަސްމީ މަސައްކަތް އެކުގައި ކުރުމަކީ ދައުލަތުގެ ވަސީލަތްތައް އޮޅުވައިލައިގެން ބޭނުންކޮށް، އިންތިޚާބުތަކުގައި ނާޖާއިޒު ބާރާއި ނުފޫޒު ފޯރުވުން ކަމަށާއި ދައުލަތުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ގަރާރުގައިވެއެވެ.
އެއާ އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެހެން ކަންކަން މަގުފަހިކުރުމަށް މި ގަރާރުގައި ވަނީ ގޮވައިލައިފައެވެ.
ގަރާރަށް ބަހުސްކުރައްވަމުން އިންތި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި ތިބެ، ހުރިހާ ބާރަކާ އެކު ސަރުކާރަަށް ލިބުނީ 'ހުތުރު ބައްޔެއް' ކަމަށެވެ. އިންތިޚާބުގެ ދުވަހުގެ ކަންކަން ރަނގަޅުކަމަށް ބައިނަލްއަގްވާމީ އޮބްޒާވަރުން ފާހަގަކުރި ނަމަވެސް ސަރުކާރުން ދެކޭ ގޮތް ތަފާތުކަމަށް އިންތި ވިދާޅުވިއެވެ.
"އޭގެ މާނައަކީ އެ ބޭފުޅުން ނެތޭ އިންތިޚާބުތައް އިންސާފުވެރި މިނިވަންކުރުމުގެ ނިޔަތެއް. އެ ތަސައްވުރެއް ވެސް ގެންގުޅުއްވާ ބައެއް ނޫނޭ،" އޭނާ ވިދާޅުވިއެވެ.
ނާޖާއިޒު މަންފާ ސަރުކާރުން ނަަގައިކަމުގެ ބޮޑެތި ތުހުމަތައް ކުރެވެމުން އަންނަ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ދެން އަންނަ ސަރުކާރަކުން ވެސް ތަކުރާރުކުރާނީ މިއަދުގެ ސަރުކާރުން އަމަލުކުރާ ގޮތަށް ކަމަށެވެ.
އެ ކަމަށް ހައްލު ލިބެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ގަރާރަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އެކި އިންތިޚާބުތަކުގައި އެއިރަކު އޮންނަ ސަރުކާރަކުން އިންތިޚާބަށް ނާޖާއިޒު ނުފޫޒު ފޯރުވާ ވާހަކައަކީ ތަކުރާރުކޮށް ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ އެއިރަކު އޮންނަ ސަރުކާރަކުން ގޯސް ކަންތައްތަކެއް ކުރާ ވާހަކަ. ދައްކައިފައި ދެން އަންނަ ބަޔަކު ސަރުކާރަށް އަންނަނީ ހަަމަ އެކަން ތަކުރާރުވެގެން މި ދަނީ. ހަނދާން ނެތެނީ،" އަލީ ހުސައިން ވިދާޅުވިއެވެ.