މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިތްހަމަ ނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ކޯޓަށް ދާން ނުވިސްނާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ "އާ ޖޯޝަކާ އެކީ ކުރިއަށް" ނަމުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދެހާސް ތޭރަވަނަ އަހަރު އިންތިޚާބު ބާތިލު ކުރަން ޕީޕީއެމުން ކޯޓަށް ދިޔަ ދިއުމަށް ފާޑު ވިދާޅުވެ މާރިޔާ ވިދާޅުވީ، އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށެވެ.
"ސުޕްރީމް ކޯޓަށް ގޮސްގެން ބާތިލު ކުރާވަރަށް ބާތިލު ވޯޓު އެބަ އޮތޭ އެ މީހުން [އިލެކްޝަންސް ކޮމިޝަނުން] ދައްކާފައި،" މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަނޑައެޅިގެން ސައްޙަ ވޯޓު ވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށެވެ.
"މުސްކުޅިއެއްގެ އަތުން [ފާހަގަ] ޖެހުނުކަން ލޮލަށް ރަނގަޅަށް ނޭނގޭތީ ޔަގީން ކޮށްލަން ދެވަނަ ފަހަރަށް އޭގެ މަތީގައި އަޅާލާފައި ހުއްޓަސް، ސީދާ ކަނޑައެޅިގެން ހެޔޮ ފާހަގަކަން އެނގޭ އިރު ވެސް ތިމަންނަމެންގެ ގަވާއިދު ތަންދެއޭ ކިޔާފަ ވޯޓު ބާތިލުކޮށްފައި އެބަހުއްޓޭ،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދުވަސްވީ މީހުންނަށް ވީލްޗެއާ އެއް ވެސް ނެތް ކަމަށާއި ކިޔުގައި މަޑުކުރާ އިރު އިށީންނާނެ ގޮތެއް ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ކުރީގެ އިލެކްޝަންތަކުގައި 65 އަހަރުން މަތީގެ މީހުނަށް އަވަހަށް ވޯޓު ލެވޭ ގޮތް ހަދައިދީފައިވޭ،" މާރިޔާ ވިދަޅުވިއެވެ.
އޭނާ ވިދާޅުވީ، ކިޔު ދިގުވުމުގެ ސަބަބުން އެތައް ބަލި މީހުންނެއް ވޯޓު ނުލެވި ގެއަށް ވެސް ގޮސްފައިވާ ކަމަށެވެ.
މި އަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިރު ޖެހޭނީ އެންމެ ރަނގަޅު ފާހަގައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ވޯޓުގެ ސައްހަކަށް ކަށަވަރު ކުރުމަށެވެ. އަދި، އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެއް ފާހަގައަށް ވުރެ ގިނައިން ރަނގަޅު ފާހަގަ ޖަހާފައި ވާނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.