ކޮންމެ ޕާޓީއަކާއެކު މަސައްކަތްކުރަން ވެސް ޔާމީންގެ ރުހުން އެބައޮތް: އަދުރޭ

ރައީސް ޔާމީން އަބްދުއްރަހީމްއާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް، ހުރިހާ ޕާޓީއަކާއެކު މަސައްކަތްކުރުމަށް ވެސް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރުހުން ދެއްވައިފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ވަކި ޕާޓީތަކަކާއެކު މަސައްކަތްކުރުމަށް ޔާމީންގެ ރުހުން ނެތްކަމަށް ބުނެ މީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ. އެ ކަމާ ގުޅިގެން މިއަދު ހަވީރު ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލު ވެސް ކޮށްފައެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރުމަށް ޔާމީންގެ ރުހުން ލިބިފައިވާ ކަމަށެވެ.

"ގައުމު ސަލާމަތްކުރުމަށް ޓަކައި އަޅުގަނޑުމެންނާއެކު މަސައްކަތްކުރަން ތިބި ކޮންމެ ބަޔަކާއެކު އެ މަނިކުފާނުގެ ރުހުން ދެއްވައިފައި އޮތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ފުރަތަަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ކޯލިޝަން މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއާއެކު ވެސް މަޝްވަރާތައް ކުރަމުންދާއިރު، މިއަދު ޑިމޮކްރެޓްސްއިން ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީއާ ގުޅުމަކީ "އޮތް ގޮތެއް ނޫން" ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަތް އިންސައްތަ ވޯޓު ލިބުނު، ޑިމޮކްރެޓްސް ދިޔައީ ތިންވަނަ އަށެވެ. އެންމެ ގިނަ ވޯޓާ އެކު 46 އިންސައްތަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

comment ކޮމެންޓް