ކޯލިޝަން ހެދީ މަގާމުން ބައި އަޅާ ގޮތަކަށްނޫން، ޝަރުތެއް ނެތް: ނާޒިމް

ކާނަލް މުހައްމަދު ނާޒިމް ޕީޕީއެމް، ޕީއެންސީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާވީ

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށް އޮތް ފަސް އަހަރަށް މަސައްކަތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގައި މަގާމުތަކެއް ބެހުމުގައި އެއްވެސް ޝަރުތުތަކެއް ނުވަތަ އެ ނޫން ކަމެއް ކޮށްފައިނުވާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އެކުގައި މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނާޒިމް ވިދާޅުވީ މަގާމުތައް ބައިކޮށްގެން ބަހައިގެން މި ވަގުތު މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ މުޅި އަމާޒު އޮންނާނީ މި އިންތިޚާބު ކާމިޔާބު ކުރަން. އެ ނޫން ކަމެއް ނޯންނާނެ. އެކުގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކުރެވޭނެ ގޮތަށް އެ އޮންނާނީ ތައްޔާރުކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސާބިތުކަމާއެކު ޑރ. މުއިއްޒާއެކު މި އިންތިޚާބު ބޮޑު ތަނުން ކާމިޔާބުކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާގެ އިތުބާރު ހައްގުވާކަމަށެވެ.

"ލިޔެކިޔުމަކީ އެހާ މުހިންމު ކަމެއް ނޫން. ދެންމެ ރައްޔިތުންނަށް އެ ވިދާޅުވެދެއްވީ. އެ ވިދާޅުވި ވިދާޅުވުމުގައި އިތުބާރު ހިފަހައްޓަވާނީ. އެއަށްވުރެ ބޮޑު އިތުބާރެއް ނޯންނާނެ،" ނާޒިމް ވިދާޅުވިއެވެ.

އެއާއެކު ކުރިއަށް ފަސް އަހަރު އެކީގައި ކުރާ މަސައްކަތުން ގައުމަށް ހެޔޮ ގޮތް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ ދައްކަވާ ކޮންމެ ވާހަަކައެއް ދައްކަވަނީ އެ ކަމަކަށް ފުރިހަަމައަށް އޭނާ ޒިންމާވާންޖެހޭނެކަން އަމިއްލަފުޅަށް ގަބޫލުކުރައްވާތީކަމަށެވެ.

"އެގޮތުގައި އަޅުގަނޑު ދައްކާ ވާހަކައަކާއި އަމަލާ ދިމާވާނެކަން އަދި ދިމާކުރާނެކަމުގެ ޔަގީންކަން ދެން،" މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މިއަދު އެމްއެންޕީއާއެކު ހެދި އެއްބަސްވުން ވެސް އެ ފަދައިން ތަންފީޒުކުރުމުގައި ދެމިހުންނަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލިޝަން ހެދީ ގައުމީ މަސައްކަތެއް ކުރުމަށް ޓަކައި ކަމަށެވެ. މާ ބޮޑު 'އަހުދުނާމާތަކާއި ވައުދުތަކެއް' ހިމަނައިފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި މާ ބޮޑެތި އަހުދުނާމާއާއި ވައުދުތަކެއް ހިމަނައިގެންނެއް ނޫން އަޅުގަނޑުމެން މި އެއްބަސްވުން ހެދީކީއެއް. އަޅުގަނޑުމެން ދެ ފަރާތުން ވާހަކަދެއްކީ މިއަދު އޮތް ހާލަތުގެ ގޮތުން ގައުމު ސަލާމަތްކުރެވޭނީ އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކޮށްގެންކަމަށް. އެހެންވީމާ ފޮޮތިފޮތިކޮށްފައި ކެބިނެޓާއި ކުންފުނިތައް ބަހާ ވާހަކައެއް އަޅުގަނޑުމެން ނުލިޔަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކީގައި މަސައްކަތްކުރާއިރު ކަންކަން ކުރާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކުގައިކަމަށެވެ.

comment ކޮމެންޓް