ފުވައްމުލަކުގައި ސައިކަލް ދުއްވަނިކޮށް، ބަމްޕަރުން ކަހާލައިގެން ވެއްޓުނު މީހަކު މަރުވެއްޖެ

ފުވައްމުލައް ސިޓީ / ފޮޓޯ: ޔުނެސްކޯ

ފުވައްމުލަކުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިޔަ މީހަކު ބަމްޕަރަކަށް އަރައި ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުުހުން ބުނީ މި ހާދިސާ ހިނގައިފައިވާ ކަމަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:55 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވީ 30 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގައި ކަމަށެވެ. އަދި އޭނާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރަށް ފުލުހުން ބުނީ ހާދިސާގައި ނިޔާވި މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށެވެ.

އަދި ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަން ކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެފައިވެއެވެ. އެ ހާދިސާގައި ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުން މަރުވީ ސައިކަލް ދުއްވަން އިން، 41 އަހަރުގެ މީހެކެވެ.

ފުލުހުން ވަނީ އެ މީހާއަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް