ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި މިއަދު އެކްސިޑެންޓުވެ، މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާކަން ހެނދުނު 8:19ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗަށް ގެންދިޔައެވެ. ނަމަވެސް 9:05ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
އެ މީހާ ދުއްވާފައި ވަނީ ކޮން ކަހަލަ އުޅަނދެއް ކަމެއް، އަދި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސިނަމާލޭ ބުރިޖާއި ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީގެ ކުރިން ވެސް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،884 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ މަހު 168 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.