ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ: ޝަމާލް

ޑޯނިއާ އެއާކްރާފްޓް ދުއްވާ ސިފައިންގެ ޕައިލެޓް އަދި ޝަމާލް: ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ ---- ފައިލް ފޮޓޯ: އެމްއެންޑީއެފް

ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފިޓިނެންޓް ޖެނަރަލް އަބްދުالله ޝަމާލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން މިއަދު ދެއްކި އިންޓަވިއުއެއްގައި ޝަމާލް ވަނީ ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަންތަން ރާއްޖޭގައި ހުރިކަމަށް ބައެއް މީހުން ވާހަކަ ދައްކާތީ އެކަމަށް ރައްދު ދެއްވައި އެއީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

"ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ. އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިމަގުގަ ވެސް އެ ފުރުސަތެއް އެއްވެސް ބަޔަކު ނުދޭނެ," ޝަމާލް ވިދާޅުވިއެވެ.

އެއިރަކު އޮންނަ ސަރުކާރެއްގެ ޚާރިޖީ އަދި ދިފާއީ ސިޔާސަތުގެ ތެރެއިން ބޭރުގެ އެކި ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު ވަރަށް ގިނަ ހަރަކާތްތައް ހިންގާކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ, އޭގެ ތެރޭގައި ޓްރެއިނިން އާއި އެކި އެކި އޮޕަރޭޝަންތައް ހިމެނޭ ކަމަށެވެ. އެކަމުގެ މައިގަނޑު މަގުސަދަކީ ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާއާ އޮންނަ ގާތް ގުޅުމަށް އަލި އަޅުވާލަމުން ޝަމާލް ވިދާޅުވީ, އެ ގުޅުމަކީ ވަރަށް ކުރިން ފެށިގެން ވެސް އޮންނަ ގުޅުމެއް ކަމަށެވެ.

"އޭގެ ތެރެއިން މީހުން ތަމްރީން ކުރުމާއި އެކި އެކި ވަސީލަތްތަކުގެ އެހީ އާއި ދެން އިންޑިއާ އެކަންޏެއް ނޫން އަޅުގަނޑުމެނަށް އެހެނިހެން ގައުމުތަކުން ވަރަށް ގިނަ އަސްކަރީ އެހީތެރިކަން ލިބެމުން ދަނީ," ޝަމާލް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ވެފައިވާ ބައެއް އަސްކަރީ އެހީތަކުގެ ތެރޭގައި 2011 ވަނަ އަހަރު ރާއްޖެއިން އެދިފެން ފޮނުވި ހެލިކޮޕްޓަރު ހިމެނޭކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ, އޭގެ މައިގަނޑު މަގުސަދަކީ ބަލި މީހުން އުފުލުން ކަމަށެވެ.

"ހަމަ ސީދާ މިލިޓްރީ އަސްކަރީ ރޯލެއްގައެއް ނޫން. ހިއުމަނިޓޭރިއަން ރޯލެއްގައި ބަލި މީހުން އަދި އޭގެ އިތުރުން ވެސް ކަނޑުމަތީގަ ހާލުގަ ޖެހޭ ފަރާތްތައް ހޯދުމަށްޓަކައި މި ހެލިކޮޕްޓަރު ބޭނުން ކުރަމުން ދިޔައީ," ޝަމާލް ވިދާޅުވިއެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ލ. ކައްދޫގައި އިންޑިއަން ނޭވީގެ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަމުން އަންނައިރު 2019 ވަނަ އަހަރު ޑޯނިއޯ މަތިންދާ ބޯޓެއް ވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އޭގެ މައިގަނޑު މަގުސަދަކީވެސް ހިއުމަނިޓޭރިން އަދި ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ކަމަށް ޝަމާލް ވިދާޅުވިއެވެ.

"މި ތިން އުޅަނދެއް އެކި އަހަރުތަކުގެ މަތިން ގެނެވިފަ މި އޮތީ," ޝަމާލް ވިދާޅުވިއެވެ.

އެ އުޅުނަދުތަކުން ހުރިހާ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

"ވަކިން ހާއްސަކޮށް ބޭރުގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމެއްގެ ބަޔަކު ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭޓްކުރާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑު ހަމަ ފާހަގަކުރަން," ޝަމާލް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ އެކަތަ ބަނދަރާ ގުޅޭ ގޮތުން މީގެ ކުރިން އެތައް ފަހަރަކު މައުލޫމާތު އާންމުކޮށްފައިވާކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ, އެތަނަކީ ދިވެހި ދައުލަތުގެ ތަނެއް ކަމަށާއި އެތަނުގައި ހުންނަ ހުރިހާ ވަސީލަތެއްގެ ބަލަދުވެރި ފަރާތަކީ ވެސް ދިވެހި ދައުލަތް ކަމަށެވެ.

"އެތަނުގައި ވެސް ސިފައިންގެ ޓީމެއް އޮވޭ ސެކިއުރިޓީ ކަންކަން ބަލަހައްޓަން. އެތާންގަ ސިވިލް ފަރާތްތަކުން ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ކުރަމުން ގެންދަނީ," ޝަމާލް ވިދާޅުވިއެވެ.

ދިވެހި ސިފައިންނަކީ އަބަދުވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލް ނެގެހެއްޓުމުގައި ސާބިތުކަމާއެކު މަސައްކަތް ބައެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިނިވަންކަމަށް ބުރޫ އަރާ ކަމެއް ކުރުމަށް ސިފައިންގެ އެއްވެސް މީހަކު ފުރުސަތެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް