އީޔޫގެ ކަންބޮޑުވުން: ކެމްޕޭނަށް ދައުލަތުގެ މުދާ ބޭނުންކުރިކަމުގެ ތުހުމަތާއި ކެންޑިޑޭޓުންގެ މާލީ ހިސާބު ބެލެހެއްޓިފައިނުވުން

އިންތިޚާބު އޮބްޒާވްކުރަން ރާއްޖެ އައި އީޔޫގެ ވަފުދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ވެރިކަންކުރާ ޕާޓީން ބޭނުންކުރިކަމަށް ތުހުމަތު ކުރާ މައްސަލަ ބެލިފައިނުވާއިރު، ކެންޑިޑޭޓުންގެ މާލީ ހިސާބުތައް ވެސް އެންމެ ރަނގަޅަށް ބެލެހެއްޓިފައިނުވާކަމަށް އިންތިޚާބު އޮބްޒާވްކުރަން ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން ބުނެފިއެވެ.

އިންތިޚާބުގެ ދުވަހާއި ކެމްޕޭން ދުވަސްވަރު އިޔޫގެ އޮބްޒާވަރުންނަށް ފާހަގަވި ކަންތައްތަކާ ގުޅޭގޮތުން ނެރުނު ޕްރިލިމިނަރީ އެސެސްމަންޓުގައި ވަނީ ރާއްޖޭގެ ގާނުނުތައް ބައްޓަންކުރެވިފައި ވަނީ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމަށް ފުރިހަމައަށް ބާރު އަަޅާ ގޮތަށް ކަމަށެވެ.

ނަމަވެސް ކެމްޕޭން ދުވަސްވަރު ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ކެމްޕޭން ފައިނޭންސިން ރަނގަޅަށް ބެލެހެއްޓިފައިނުވުމާއި ތަންފީޒުކުރެވިފައިނުވާކަން ފާހަގަވާކަމަޑް އީޔޫއިން ބުންޏެވެ.

މީގެ އިތުރުން ކެންޑިޑޭޓުންނަށް ލިބޭ ފައިސާއާއި ކެންޑިޑޭޓުން ކުރާ ޚަރަދުތައް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރެވިފައި ނުވުން ވެސް އީޔޫއިން ކަންބޮޑުވުމެއްގެ ގޮތުގައިވަނީ ފާޅުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީޔޫގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވާ ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ އެ ފަދަ ކަންކަން ދޫކޮށްލެވިފައިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިލެކްޝަންސް ކޮމިޝަންގައި އެ ކަން ބެލެހެއްޓުމުގެ ގާބިލްކަން އެންމެ ފުރިހަމައަށް ނެތުންކަމަށެވެ.

އެގޮތުން މުވައްޒަފުންގެ އަދަދު މަދުވުމާއި ކޮމިޝަނަށް ބޭނުންވާ ބަޖެޓު ހަަމަޖެއްސުމުގައި ވެސް ދަތިތައް ހުރުމަކީ ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށް އަމޯ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީން ދައުލަތުގެ މުދާ ކެމްޕޭނަށް ބޭނުންކުރި ކަމަށް ބުނާ އަޑުތަކާއެކު އިންތިޚާބުގެ ކެމްޕޭންގެ މިނިވަންކަމާމެދު ސުވާލު އުފެއްދިދާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މީޑިއާއިން ކެމްޕޭނުކޮށްދިނުމުގައި ވަކިކޮޅަކަށް ބުރަވެވުމާއި، ބައެއް ނޫސްތައް ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަވެފައިވާކަމަށް ބުންޏެވެ.

ނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖޭގައި އޮތް އިންތިޚާބު އަމާން ކަމަށް އީޔޫއިން ބުންޏެވެ. އީޔޫގެ މެމްބަރު 18 ގައުމަކުން 40 އޮބްޒާވަރުން ރާއްޖެ އައެވެ. 52 ރަށެއްގެ 124 ވޯޓުލާ މަރުކަޒެއް އީޔޫއިން ބަލައިފައިވެއެވެ.

ދެވަނަ ބުރު ނިމެންދެން އީޔޫގެ ވަފުދު ރާއްޖޭގައި ތިބޭނެއެވެ.

comment ކޮމެންޓް