ދަށް ނަތީޖާއާއެކު ޖޭޕީ ގެއްލިއްޖެ

ގާސިމްގެ އެޑްވައިޒަރު އަޙްމަދު ނިހާނާއި ގާސިމް އިބްރާހީމްގެ އިތުރުން ރަނިންމޭޓް އަމީން އިބްރާހިމާއި އެޑްވައިޒަރު އަލީ ވަހީދު-- ފޮޓޯ: ޖޭޕީ

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބުނު ތާރީޚީ ދަށް ނަތީޖާއާއެކު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބަލި ގަބޫލު ކުރިކަން ވެސް ނުވަތަ ނޫން ކަންވެސް އަދި ހާމަނުކުރެއެވެ.

އެތައް އެޑްވައިޒަރުންނަކާއެކު އިންތިޚާބަށް ނުކުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބުނީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓުލި 220،000 އެއްހާ މީހުންގެ ތެރެއިން 2.4 ޕަސެންޓެވެ. މިއީ 23،000 މެންބަރުން ތިބޭ އެ ޕާޓީގެ ތާރީޚުގައި ވެސް ލިބުނު އެންމެ ދަށް ނަތީޖާއެވެ.

https://sun.mv/181835

އިންތިޚާބުގެ ނަތީޖާއަށްފަހު ޖޭޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކަކުންނާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންވެސް ނަތީޖާ ގަބޫލުކޮށް ވޯޓު ދިން މީހުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ޖޭޕީއިން ވެސް އަދި ގާސިމް ވެސް އަދި އެމަނިކުފާންގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ޕާޓީގެ ބަހެއް ހޯދުމަށް ތަރުޖަމާނަށް ގުޅައި މެސެޖް ކުރުމުން ވެސް ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. އޭގެ އިތުރުން މީޑިއާ ގުރޫޕުގައި ވެސް އަދި އެ ޕާޓީގެ ސޯޝަލް މީޑިއާގައި ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

މީގެ ކުރިން ގާސިމް ދެ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިއިރު ރަނގަޅު ނަތީޖާއެއް ހޯއްދެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ 27056 ވޯޓް ހޯދާފައެވެ. އެއީ ވޯޓްލީ މީހުންގެ 15.32 ޕަސެންޓެވެ. ދެން ގާސިމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާން ވަނީ 48131 ވޯޓް ހޯދައިފައެވެ. އެއީ ވޯޓްގެ 23.34 ޕަސެންޓެވެ. އެ ފަހަރު ދެވަނަ ބުރަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމާ އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެހާސް އަށާރަވަނަ އަހަރު ގާސިމް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ކަމަށްވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ.

އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ ގާސިމްގެ ތާއީދާއެކުއެވެ.

ގާސިމްގެ އަރިހުގައި ކުރިން މަސައްކަތް ކުރި ބައެއް މީހުން ބުނާގޮތުގައި ގާސިމަށް މި ލިބުނު ބޮޑު ނާކާމިޔާބީގެ އަސްލު ސަބަބަކީ އެމަނިކުފާންގެ އެޑްވައިޒަރުން ދެއްވާ ނުރަނގަޅު ލަފައެވެ.

"އެޑްވައިޒަރުންނަށް ގިނަވާނީ ގާސިމް ބޮޑެތި މުސާރަތައް ދެއްވާ ބޭފުޅުން. އޭގެ އިތުރުން ވެސް އެކިއެކި ކެމްޕެއިނާ ސިޔާސީ ކަންކަމުގެ ނަމުގައި ފައިސާ ހޯދާނެ. ނޫނީ ދެން އަންނަ ސަރުކާރެއްގައި ކޯލިޝަން ހަދައިގެން މަގާމާއި މަޖިލިސް ގޮނޑި ހޯދަން އުޅުއްވާ ބޭފުޅުން. އެކަން ކުރަން ގާސިމް އެ ނެރުއްވަނީ އިންތިޚާބަށް،" ގާސިމްގެ އަރިސްބޭފުޅަކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ވިއްކެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒެވެ. އޭނާ 100،959 ވޯޓު ހޯދެއްވިއިރު އެއީ ވޯޓުލީ އާބާދީގެ 46 ޕަސެންޓެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ، 39 ޕަސެންޓެވެ. އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުންނަށް ވެސް 50 ޕަސެންޓަށް ވުރެން އިތުރަށް ވޯޓު ލިބިފައިނުވާތީ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް